ޚަބަރު

ޑޮލަރުގެ މައްސަލަ ކުރިމަތިވީ ހައްދެއް ނެތި ފައިސާ ޗާޕުކުރުމުން: މާލީ ވަޒީރު


  • ފައިސާ އިތުރަށް ޗާޕުކުރުމުން ޑޮލަރުގެ ޑިމާންޑް މައްޗަށް ދިޔަ

ޑޮލަރުގެ މައްސަލަ މިއަދު ކުރިމަތިވެގެން މިއުޅެނީ ކޯވިޑަށްފަހު ކުރީ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމުންކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިފަދައިން ވިދާޅުވީ އިޤްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި މިދިޔަ ނޮވެމްބަރުމަހު ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. މިކަންކަން ކުރިމަތިވުމުގެ މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުމުންނެވެ.

ނިމިދިޔަ ސަރުކާރުން ކޯވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފައިސާ ޗާޕުކުރިއެވެ. އަދި ކޯވިޑަށްފަހު 2022 ވަނަ އަހާރާއި 2023 ވަނަ އަހަރު އިޤްތިޞާދު އަލުން އިއާދަވާން ފެށުމުންވެސް ފައިސާ ޗާޕުކުރިއެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ ކޯވިޑުގެ ހާލަތަށްފަހު ނިމިދިޔަ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމުން ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވިކަމަށެވެ.

ވަޒީރު ޑރ. ޝަފީޤު ވިދާޅުވީ ޑޮލަރުގެ އާމްދަނީ ލިބޭ ދާއިރާތަކުން އިތުރަށް ޑޮލަރު ހޯދާނެ ގޮތްތައް ބައްލަވާނެ ކަމަށާއި ޤާނޫނަށް ނުވަތަ ޤަވާއިދަކަށް ގެންނަންޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް ޑޮލަރުގެ ރިޒާވް އިތުރުކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެން މިފަދައިން ކަންތައްތައް ކުރުމުން ރިޒާވްގައި ޑޮލަރު ހުންނާނެ ބޭނުން ކުރެވޭގޮތަށް އޭރުން މިކަހަލަ ޝޮކެއް ޖެހުމުގެ ފުރުސަތު ކުޑަވާނެ، ސަރުކާރުންވެސް މިއަށްވުރެ ވިޖިލަންޓްވާނެ. މިކަހަލަ ކަމެއް ދިމާވުމުގެ ފުރުސަތު ކުޑަވާނެ" ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު ވަނީ ޖީއެސްޓީގެ ގާނޫނަށް އަންނަ އަހަރު އިސްލާހު ގެންނަން ނިންމަވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެކަން ކުރަނީ ޓޫރިޒަމް ދާއިރާއިން ބޭރަށްދާ ފައިސާ އަނބުރާ ހޯދުމުގެ ބޭނުމުގައިކަމަށްވެސް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވިއެވެ.