އިޤްތިޞާދު ހަރުދަނާކުރުމަށް މާލީ ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް ތަކުލީފު ނާންނާނެގޮތަށްކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މިފަދައިން ވިދާޅުވީ އިޤްތިސާދީ ޙާލަތު ރަނގަޅު ކުރުމަށްކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މާލީ ވަޒީރު ވިދާޅުވީ އިޤްތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށާއި އެ މަސައްކަތަކީ ވަރަށް ރޭވުންތެރިކަމާއެކު ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ވަރަށް ގިނަ ސްޓޭކްހޯލްޑަރުންނާ ސަރުކާރުން މަޝްވަރާ ކުރަމުންގެންދަވާކަމަށާއި އެ މަސައްކަތުގެ ނަތީޖާ ފެންނާނެކަމަށެވެ.
ސަރުކާރުގެ ފިސިކަލް ސްޓްރެޓަޖީ އާއި ދަރަނީގެ ސިޔާސަތުތައް އެކުލަވާލާފައިވާކަން ފާހަގަކުރައްވާ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ އެންމެ އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތަކީ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށް ދުރާލާ ތައްޔާރުވުމުގެ މަސައްކަތް ކަމަށެވެ.
"ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން މިކުރެވޭ މަސައްކަތުގައި ރައްޔިތުންނަށް ބުރަނުވާގޮތަށް ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭތޯ. ކުންފުނިތައް ރީފޯމް ކުރާއިރު ރައްޔިތުންނަށް އަސަރު ނުކުރާ ގޮތަކަށް ކަންތައްތައް ކުރަނީ. ހަމައެކަނި ގެއްލުންވާ ކުންފުނިތަކަށް އެކަންޏެއް ނޫން ރީފޯމް ކުރަން މި ވިސްނަނީ. ފައިދާވާ ކުންފުނިތަކަށް ވެސް އިތުރަށް ފައިދާ ހޯދޭނީ ކިހިނެއްތޯ ބަލައިގެން ރީފޯމް ކުރަން އަޅުގަނޑުމެން ނިންމީ" ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވިއެވެ.
މާލީ ވަޒީރު އިތުރަށް ވިދާޅުވީ ޑޮލަރަށް ބަރޯސާވެފައި މިންވަރު އިހުނަށްވުރެ މިހާރު ބޮޑުވެފައިވާކަމަށެވެ. އެގޮތުން ދަތުރުފަތުރާ ވިޔަފާރީގެ ބޭނުމަށްވެސް ޑޮލަރު ބޭނުންކުރާ މިންވަރު އިތުރުކަން ބޭންކް އޮފް މޯލްޑިވްސްއިން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖެއަށް ޑޮލަރު ލިބޭނެ ގޮތްތައް އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށާއި އުންމީދަކީ ބޭންކްތަކަށް ބޭނުންވާ އެހީތެރިކަން މަރުކަޒީ ބޭންކު މެދުވެރިކޮށް ދެވިގެންދިޔުންކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.