ޚަބަރު

ޓެގް އެޅުމާއި ގުޅިގެން ގޭންގް ހަރަކާތްތައް ހުއްޓުމަކަށް !


ކުށްވެރިންގެ ފައިގައި ޓެގް އެޅުމާއި ގުޅިގެން މިހާރު ގޭންގް ހަރަކާތްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް، އެކަމުގެ ނަތީޖާ ފެންނަމުންދާކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ، މިހާރު ގޭންގުތަކުގައި އުޅޭ މީހުންނަށާއި، ގޭންގު ހިންގާ މީހުންނަށް އެމީހުން ކުޑަހަރަކާތެއް ހިންގިނަމަވެސް އެމީހުންގެ ފައިގަ ޓެގް އަޅުވާނެކަން ޔަޤީންވާކަމަށެވެ. އެއީ އެމީހުންނަށް މިހާރު އޮތް އެންމެ ބޮޑު ބިރުކަމަށާ، އެހެންކަމުން ގޭންގުގެ އިސްކޮށް ހަރަކާތްތެރިވާ މީހުން ވަރަށް ބޮޑަށް ފަހަތަށްޖެހި ގޭންގު ހަރަކާތްތަކުން ދުރުގަ ތިބިކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.

ޓެރަރިޒަމް ޤާނޫނު ދަށުން މިހާތަނަށް ސާދަ މީހެއްގެ މައްޗަށް މޮނިކޮން އަމުރުނެރުއްވައި، ފައިގަ ޓެގް އަޅުއްވާފައިވެއެވެ. މީގެތެރެއިން އެކަކު އަމުރާ ޚިލާފްވެގެން ޖަލު ބަންދަށް ބަދަލުކުރައްވާފައިވެއެވެ.

މޮނިކޮން އަމުރުގެ ދަށުން މި އަމަރު ނެރުއްވައި، ތަންފީޒުކުރައްވާ މީހުންނަށް ވަކި ގަޑިތަކެއްގައި ގެއިން ބޭރަށް ނުކުމެ ނޫޅެވޭނެއެވެ. އަދި ވަކި ސަރަޙައްދުތަކަކަށްވެސް ނުދެވޭނެއެވެ. އަދި އެ މީހާ ހުންނަ ތަނާއި ދާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. 

img:http://s2.psmnews.mv/images/660x400/14590219306282.jpg|މޮނިކޮން އަމުރުގެ ދަށުން މީހެއްގެ ފައިގައި ޓެގް އަޅުވާފައި- ފޮޓޯ: ޕޮލިސް

ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގައި ގެންގުޅޭ ސިޔާސަތަކީ، އެއްވެސް ގޭންގަކުން ކިތަންމެ ކުޑަކުޑަ ހަރަކާތެއް ހިންގައިފިނަމަވެސް ޓެގް އެޅުވުންކަމަށާއި، އެފަދަ މީހަކު ކޯޓުން ދޫކޮށްލައިފިނަމަ އަނެއްކާވެސް އެމީހެއްގެ ފައިގަ ޓެގް އެޅުވުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މޮނިކޮން ގެ ފުރިހަމަ ކާމިޔާބު ލިބުމަށް އަދި ދެއަހަރެއްހާ ދުވަސް ނަގާނެކަމަށެވެ. އޭގެ ފަހުން މުޅި ނިޒާމް ކޮންޓްރޯލް ގެނެވޭނެކަމަށް މިނިސްޓަރ ޢުމަރު ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މޮނިކޮން އަމުރުގެ ދަށުން ފިޔަވަޅު އަޅާފައިވާ މީހަކު އެ އަމުރުގެ އެއްވެސް ފިޔަވަޅަކާއި ޚިލާފުވުމަކީ ޖިނާޢީ ކުށެކެވެ. އަދި މި ކުށެއްގެ އަދަބެއްގެ ގޮތުން ގިނަވެގެން 18 މަސްދުވަހަށް ގޭބަންދުކުރުން ނުވަތަ ޖަލަށް ލެވިދާނެއެވެ. އަދި އެ އަމުރާ ޚިލާފު މީހެއްގެ މައްސަލަ ތަޙްޤީޤުކޮށް ޝަރީޢަތުން ގޮތެއް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ފެނިގެން އެކަމަށް ލިޔުމަކުން ކޯޓުގައި އެދިއްޖެނަމަ ޝަރީޢަތް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރޭނެއެވެ.

މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެއެވެ.