ޚަބަރު

ރަމަޟާންމަހު ހަނދު ސާބިތުކުރުމަށްޓަކައި ހެކިބަސްދިނުން


އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާގޮތް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާނުކުރައްވައިފިއެވެ.

ޖުޑިޝަން އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ އެހެންއަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށްޓަކާ، އަދި ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިފެށޭ ޖޫންމަހުގެ ފަސްވަނަ ދުވަހުން ހަވީރު ފަސްގަޑި ތިރީހުން ފެށިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށުކައުންސިލް އަދި އަތޮޅުކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެކަމަށެވެ. 

މާލޭގައިނަމަ ހަނދުފެންނަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައިކަމަށާ، އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓުކޯޓްގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތުދެއްވައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީކަމަށް އެއިދާރާއިން މަޢުލޫމާތުދެއްވައެވެ. މިގޮތުން ހަނދުފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު، ގާތްގަނޑަކަށް ހަނދުހުރި އުސްމިނާ، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެދިވަޑައިގަންނަވައެވެ.

ހެކިބަސް އަދާކުރުމަށް އައުމާ ދިއުމުގެ ޓެކްސީ ޚަރަދު ދެއްވުމަށް ހަމަޖެހިފައިވާކަމަށާ، ހަނދާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް މާލޭގައިނަމަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓެއް ނެތް ރަށެއް ނަމަ ރަށުކައުންސިލް އިދާރާއަށް ގުޅުމަށްވެސް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެދިވަޑައިގަންނަވައެވެ.