ޚަބަރު

ޤައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީން: ވަޒީރު ސަޢީދު


  • 100 އަހަރާއި ނުބައްދަލު ދަރަނި އެމްޑީޕީގެ ސަރުކާރުގައި ނެގިކަމަށް ވިދާޅުވި

  • ވަޒީރު ސަޢީދު ވަނީ ޤައުމަށްވުރެއް އެއްވެސް މީހެއް އިސްނުވާނެ ކަމަށް ވިދާޅުވެފައި

ނިޒާމުތައް އެފުށް މިފުށަށް ޖަހައި ދިވެހި ޤައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢީލް، ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ. ވަޒީރު ސަޢީދު ވިދާޅުވީ 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް ދިވެހި ޤައުމުގެ އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ ތެރޭގައި މިނިސްޓަރުކަމުގައި ހުނެނެވި ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ.

އަދި މުޅިނިޒާމު އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީންކަމަށް ވަޒީރު ސަޢީދުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިންމުވާނެ ކަމަށްވެސް ކުރީގެ މިނިސްޓަރު ފައްޔާޒަށް ރައްދުދެއްވަމުން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު މި މޭރުމުން ކުރީގެ މިނިސްޓަރ ފައްޔާޒަށް ރައްދުދެއްވާފައިވާއިރު، ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުންވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން ޚަރަދު ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވުޒާރާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސަރުކާރުންދަނީ ބަދަލުތައް ގެންނަމުންނެވެ.