ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ނޭޕާލް އަންހެނެއްގެ ވިޔަފާރި ހުއްޓުވައި، އެތަނުގެ ވެރިޔާއާއި ހިންގަންތިބި މީހުން ޑީޕޯޓްކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދަމުން އައި ރިޓްސް ބިއުޓީ ސެލޫން ހިންގަމުން އައި ފަރާތްކަމުގައިވާ ރަޖަނީ ޝްރެސްތާ (ރިޒް)އެވެ. އެ ސެލޫނަކީ ދިވެހިންގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުންއައި ތަނެކެވެ.
އޭނާ ހިންގަމުން އައި ސެލޫނާއި އެތަނުގެ ޚިދުމަތުގެ ކަންކަން އިމިގްރޭޝަނުން ބަލާފައިވަނީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން އެތަނުގެ ޚާއްސަ އިންސްޕެކްޝަނެއް ހިންގާފައިވަނީ މިމަހުގެ 11ވަނަ ދުވަހުކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އެ ބިދޭސީ މީހާއަކީ އޭނައަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއްކަން އެނގިފައިވާކަމަށެވެ. އަދި އެތަނުގައި ޚިދުމަތްދޭން އުޅުނު 04 ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، އޮގަސްޓު 13ވަނަ ދުވަހު ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް އެމީހުން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތުދީފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް… pic.twitter.com/GIww4oLxQs
— Maldives Immigration (@ImmigrationMV) August 24, 2024
މީގެއިތުރުން މާލޭގައި ޤަވައިދާ ޚިލާފައި ބިއުޓީ ސެލޫން ހިންގަމުން އައި އިތުރު ބިދޭސީ އަންހެނެއްކަމަށްވާ "ސުޝްމިތާ ދައުގޮދާ"(ސުޒޫ)ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ 28 އަހަރުގެ ބިދޭސީ އަންހެނެކެވެ. އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ސެލޫންގެ އިންސްޕެކްޝަން ހަދާ، އެ އަންހެން މީހާ ރާއްޖެއިން ޑީޕޯޓްކޮށްލާފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ސުޝްމިތާ ދައުގޮދާ" އާންމު ނަމުންނަމަ ސުޒޫ އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 18 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް… pic.twitter.com/CIH2eyQegj
— Maldives Immigration (@ImmigrationMV) August 24, 2024
އިމިގްރޭޝަން ވޮޗްއަކީ ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަ ރިޕޯޓްކުރުމަށް ޖުލައި މަހުގެ 17 ވަނަ ދުވަހު ޤާއިމުކުރި ނިޒާމެކެވެ.
މިހާތަނަށް 300އާއި ގާތްކުރާ މައްސަލަ އެނިޒާމުގެތެރެއިން ހުށައަޅާފައިވެއެވެ. އަދި އެ މައްސަލަތައް ބަލައި، ޤަވައިދުގެތެރެއިން ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
އެގޮތުން ޤަވާއިދާ ޚިލާފައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، މާރުކޭޓު ގޮޅި ފަދަ ތަންތަން ބަންދުކޮށް އެކަމުގައި ޝާމިލުވާ ގިނަ ބަޔަކު ވަނީ ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ޑީޕޯޓްކޮށްލާފައެވެ.