ޚަބަރު

"ހާލު ކިހިނެއް؟" ޕްރޮގްރާމް ބަލައިގަނެ، އާންމުންގެ ބޮޑު ތަރުހީބެއް


  • މިހާތަނަށް 4362 ގޭބިސީއަށް ޒިޔާރަތްކޮށްފި

  • ޕްރޮގްރާމްގައި ރައްޔިތުންގެ ޙާލަތު ދެނެގަނެ ދަނީ އެހީދެމުން

"ހާލު ކިހިނެތް؟" ޕްރޮގްރާމަކީ މިހާތަނަށް ރައްޔިތުންގެ ޙާލަތު ބެލުމަށް އެންމެ ގާތުން ހިންގާ ޕްރޮގްރާމްކަމަށާއި އެކަން ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ހާލު ބެލުން ޕްރޮގްރާމްގެ ތެެރެއިން މިހާތަނަށް މާލެއާއި އަތޮޅުތައް ހިމެނޭހެއް 4362 ގޭބިސީއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ހާލުން ބެލުން ޕްރޮގްރާމަކީ ދަޢުލަތުގެ ޚާއްސަ ސަމާލުކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މޭ މަހުގެ 30ވަނަ ދުވަހު، ހުޅުމާލެ ދެވަނަ ފިޔަހީގެ ހިޔާ ފްލެޓްތަކުންނެވެ. މިހާތަނަށް ހިޔާ ފްލެޓް އަދި ވިލިމާލޭ ހިމެނޭހެން މާލެ ސަރަޙައްދުގެ 2700 ގޭބިސީއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މާލެއާއި ހުޅުމާލެގެ ފުރަތަމަ ފިޔަވަހީގައި އެޕްރޮގްރާމް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މިހާތަނަށް އަތޮޅުތަކުގެ 9 ރަށެއްގެ ހުރިހާ ގެއަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ ގއ. އަތޮޅުގެ 5 ރަށަކާއި، ތ.އަތޮޅުގެ 3 ރަށެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އައިޝަތު ޒުހުރުބާން ވިދާޅުވީ އެންމެ ގިނަ ރައްޔިތުން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަކަމަށެވެ. މީގެއިތުރުން ބޭސްފަރުވާއާ ގުޅުންހުރި 195 މައްސަލައަކާއި ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމާއި ގުޅޭ 187 މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

"މި ހުރިހާ މައްސަލައަކަށް މިހާރު ވަނީ އެޓެންޑްވެފައި. 179 މައްސަލަ މުޅިން އެއްކޮށް ޙައްލުކޮށްފި. ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމަށް ދަތިވެފައި ތިބި 75 މީހަކަށް އެހިތެރިކަން ދީފިން. އަދި ރާއްޖެއިން ބޭރުން ބޭނުންވާ ބޭސް ގެންނަން ދަތިވާ ފަރާތްތަކަށް އެސްޓީއޯގެ އެހީގައި އެކަން ކުރެވޭނެ ގޮތްވެސް ބަލާ ދަނީ އެހީދެމުން" ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވިއެވެ.

ޒުހުރުބާން ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ދަޢުލަތުގެ ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތައް ދެނެގަތުންކަމަށެވެ. މިހާތަނަށް ދަތި ޙާލަތުގައި ދިރިއުޅޭ 7 އާއިލާއެއް ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކުގެ އާއްމު ދިރިއުޅުމަށް ބޭނުންވާ ކެއަރ ޕެކޭޖު ފޯރުކޮށްދީ، ހާލަތު ގާތުން ބަލަމުންދާކަމަށް ޒުހުރުބާން ވިދާޅުވިއެވެ. އަދި އެ އާއިލާތަކަށް ބައެއް އެންޖީއޯތަކާއި ގުޅިގެން އިތުރަށް އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ފަށާފައިވާ މި މަސައްކަތް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށާއި އެކަން އާއިލާތަކުން ފާހަގަކުރަމުންދާކަމަށްވެސް އޭނޭ ވިދާޅުވިއެވެ.

"މި ޕްރޮގްރާމަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޚީބެއް ލިބޭ. ބައެއް ގެއިން ބުނޭ އަލަށޭ ސަރުކާރުގެ ވުޒާރާއިކުން މިގޮތަށް ހާލަތު ބަލަން އައީ. ރައްޔިތުންނާ ގާތް ގުޅުމެއް އުފައްދާ ހާލަތު ބަލަން މި ޒިޔާރަތްކުރަނީ. ރައްޔިތުން ވަރަށް އުފާވޭ މި ޕްރޮގްރާމާމެދު" ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވިއެވެ.

އާމްދަނީ ލިބޭނެ ގޮތްތައް ނެތުމުގެ ޝަކުވާތައްވެސް ބައެއް އާއިލާތަކުން ހުށައަޅާފައިވާއިރު އެފަދަ އާއިލާތަކާ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއެކު މަޝްވަރާކުރަމުންދާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން ނުކުޅެދުންތެރިކަމާއި ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތާ އަދި އެމީހުންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަންވެސް ދެމުންދާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.