ޚަބަރު

"ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއަށް އޮތް ގޮންޖެހުން ބޮޑު"


ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއަށް އޮތް ގޮންޖެހުން ބޮޑުކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ، ކުރިއަރާފައިވާ ވަސީލަތްތައް ގިނަ ޤައުމުތަކުގައިވެސް ޓެރަރިޒަމް ހުއްޓުވިފައި ނުވާކަމަށާއި، މިކަމުގައި ރާއްޖެއަށް އޮތް ގޮންޖެހުން ބޮޑުކަމަށެވެ. 

ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކާއި ބައެއް މީޑިއާތަކުން ރާއްޖޭގައި އެކަން އޮތް މިންވަރަށް ވުރެ ބޮޑުކޮށް ރާއްޖެ ބަދުނާމު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޓެރަރިޒަމް ހުއްޓުވުމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ޓެރަރިޒަމް ހުއްޓުވުމަށް ބޭރުގެ ޤައުމުތަކާއި ގުޅިގެންވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މިނިސްޓަރ ދުންޔާ ވިދާޅުވީ، ރާއްޖޭގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާއި ދިވެހިން ބައިވެރިވެގެން ބޭރު ޤައުމުތަކުގައި ހިނގާ ކަންކަން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ.

ދުންޔާ ވިދާޅުވީ، މެއި މަހުގެ ފަންސަވީހުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ޕޮލިސީ ޑައިލޮގްގައި ދެފަރާތުގެ ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް، މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށެވެ. ޔޫރަޕްގެ ޤައުމުތަކާއި ރާއްޖޭގެ ފަތުރުވެރިކަމާއި ވަރަށް ބޮޑު ގުޅުމެއް އެބައޮތްކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ކައުންޓަރ ޓެރަރިޒަމާއި ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި މިކަމުގައި އީޔޫގެ ޤައުމުތަކުން މާލީ އަދި ޓެކްނިކަލް އެހީތެރިކަން ލިބެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ޓެރަރިޒަމްގެ ޢަމަލުތަކަކީ ސަރުކާރުން ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވާ ކަމެއްކަމަށާއި، ފަތުރުވެރިކަން ސަލާމަތްކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ޚާރިޖީވަޒީރު ދުންޔާ މައުމޫން ފާހަގަކުރެއްވިއެވެ.