ދުނިޔެ

ލީޑަރު ބަދަލުވިނަމަވެސް ތާލިބާނުންގެ ހަރުކަށިކަން ބަދަލެއް ނުވާނެ


އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށް އައު ޒައީމަކު އައްޔަން ކުރިނަމަވެސް ހަނގުރާމައާއި ތަލާފޮޅުމާ އަދި ހަރުކަށި އަމަލުތަކާ ދުރަށް އެޖަމާއަތް ދާނެކަމަށް ނުބެލެވޭކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. ޖަޕާނުގެ ސެންޑާއި ގައި ކުރިޔަށްދާ ޖީ ހަތެއްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ "ލިބަރެލް ޑިމޮކްރެޓިކް" ވިސްނުމުގެ މީހަކު ތާލިބާން ފަދަ ހަރުކަށި ޖަމާއަތެއްގެ ޒައާމަތަށް އަންނާނެކަމަށް އޭނާ އުންމީދުވެސް ނުކުރައްވާ ކަމަށެވެ. 

އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ތާލިބާނުންގެ ޒަޢާމަތަށް އަލުން އިސްކުރި މައުލަވީ ހައިބަތުﷲ އަޚުންޒާދާއަކީ އެޖަމާއަތުގެ ކުރީގެ ޒައީމް މުއްލާ އަޚްތަރު މަންސޫރަށްވުރެވެސް ހަރުކަށި މީހެއްކަމުގެ ޚަބަރުތައް ފެތުރުމާ ގުޅިގެނެވެ. ތާލިބާނުންގެ ޒައާމަތަށް އަޚުންޒާދާ އައްޔަންކުރީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އެޖަމާއަތުގެ ޒައީމް މުއްލާ އަޚްތަރު މަންސޫރު މިދިޔަ ހޮނިހިރު ދުވަހު މަރުވުމާ ގުޅިގެނެވެ. އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގަށް އެމެރިކާގެ ޑްރޯނަކުން ދިން ޙަމަލާއެއްގައި މުއްލާ އަޚްތަރު މަންސޫރު މަރުވިކަމަށް ބެލެވޭކަމަށް އެމެރިކާ ބުނިނަމަވެސް އޭނާ މަރުނުވާކަމަށް ބުނެ ތާލިބާނުން ދޮގުތަކެއް ހަދާފައިވެއެވެ. ނަމަވެސް މިދިޔަ ބުދަދުވަހު ތާލިބާނުންގެ ޝޫރާ މަޖިލީހުން ވަނީ ކުއްލި ގޮތަކަށް ޖަލްސާއެއް ބާއްވައި މުއްލާ އަޚްތަރުގެ ބަދަލުގައި މައުލަވީ ހިބަތުﷲ އަޚުންޒާދާ ނަމަކަށް ކިޔާ މީހަކު އެޖަމާއަތުގެ ޒައީމް ކަމަށް އައްޔަން ކޮށްފައެވެ. 

img:http://s4.psmnews.mv/images/660x400/14643335958481.jpg|ތާލިބާނުންގެ ހަނގުރާމަވެރިންތަކެއް /

މިއީ އެމެރިކާގެ ޑްރޯން ޙަމަލާގައި ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރު މަންސޫރު މަރުވިކަމަށް އެޖަމާއަތުން އެއްބަސްވުންކަމަށް ވަނީ ބެލެވިފައެވެ. އަޚުންޒާދާ ތާލިބާނުންގެ ޒަޢާމަތަށް އިސްކުރީ އެޖަމާއަތުގެ ޝޫރާ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން އޭނާއަށް ބައިއަތު ހިފައިގެންކަމަށް ތާލިބާނުން ހާމަކޮށްފައިވެއެވެ. އަޚުންޒާދާއާ ހަވާލާދީ ޝާއިޢުކޮށްފައިވާ ޚަބަރުތައް ބުނާގޮތުން އޭނާވަނީ އަފްޣާނިސްތާނުގެ ދާޚިލީ މައްސަލަ ހައްލުކުރުމަށްޓަކައި އަފްޣާން ސަރުކާރާއެކު އެއްވެސް ވަރަކަށް ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދިޔުމަށް ދެކޮޅު ހަދާފައެވެ. އަދި ތާލިބާނުންގެ މަގްސަދުތައް ޙާސިލްވަންދެން ހަނގުރާމަކުރުން ނޫންގޮތެއް ނެތްކަމަށް އަޚުންޒާދާ ދެކޭ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ނަމަވެސް މަގާމާ ހަވާލުވުމަށްފަހު އެއްވެސް ކަމަކާބެހޭގޮތުން އަޚުންޒާދާ ވާހަކައެއް ދައްކައި ބަޔާނެއް ދީފައިނުވާނެ ކަމަށާ އަޚުންޒާދާއާ ބެހޭގޮތުން ފަތުރާފައިވަނީ އޭނާ ދެއްކި ވާހަކަތަކެއް ނޫންކަމަށް ތާލިބާނުންގެ ތަރްޖަމާން ބުނެފައިވެއެވެ. 

img:http://s3.psmnews.mv/images/660x400/14643336299305.jpg|ތާލިބާނުންގެ ހަނގުރާމަވެރިންތަކެއް /

ތާލިބާނުންނަކީ ނިޒާމީ ހަނގުރާމަ ކުރުމަށްވުރެ ބޮޑަށް ބޮންގޮއްވުމާއި އަމިއްލައަށް މަރުވެގެން ޙަމަލާތައް ދިނުންފަދަ ގެރިއްލާ ހަނގުރާމަ ކުރަމުންގެންދާ ޖަމާއަތެކެވެ. ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމުގައި އެމެރިކާގެ ބާރުގަދަ ލަޝްކަރުތަކާއި ނޭޓޯގެ ބާރުގަދަ ލަޝްކަރުތައް ނުކުޅެދިފައިވާއިރު ތާލިބާނުން ސުލްޙައިގެ މޭޒުދޮށަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެގެން ކުރި މަސައްކަތްތައްވެސް ވަނީ ނާކާމިޔާބުވެފައެވެ. 

ޖީ ހަތެއްގެ ސަމިޓްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވަނީ ތާލިބާނުންނަކީ ހަރުކަށި ބައެއްކަމަށާ ވާހަކަދައްކައިގެން ކަންކަން ޙައްލުކުރުން އެއީ އެޖަމާއަތުގެ ވިސްނުމުގައި ނެތްކަމެއް ކަމަށެވެ. އަދި ތާލިބާނުންގެ ޒަޢާމަތު ބަދަލުވިނަމަވެސް އެޖަމާއަތުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކުރިޔަށްނެރޭ ތަޅާފޮޅުމާއި ބޮންގޮއްވުމުގެ އެޖެންޑާ އެޖަމާއަތުން ދޫކުރާނެކަމަށް ނުބެލެވެކަމަށްވެސް އޮބާމާ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14643335735135.jpg|އޮބާމާ އާއި ޖަޕާނުގެ ބޮޑުވަޒީރު ޖީ 7 ސަމިޓުގެ ތެރެއިން ނޫސްވެރިންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ޒިންހުއާ

ދީނުގެ ނަމުގައި އާދަޔާ ޚިލާފު ހަރުކަށިކަމެއް ގެންގުޅޭ ތާލިބާނުންނަކީ އިސްލާމް ދީން ގޮވާލާ ސުލްހައާއި ހަމަޖެހުމާ މުޅިން އިދިކޮޅު ބައެކެވެ. މީގެއިތުރުން ތާލިބާނުންނަކީ ގާނޫނުތަކާއި ޑިމޮކްރަސީވެސް ގަބޫލުކުރާބައެއް ނޫނެވެ. އެހެންކަމުން އަފްޣާނިސްތާނަށް ސުލްޙަ ގެނެވެންއޮތް ހަމައެކަނި ގޮތަކީ ތާލިބާނުން އަސްކަރީ ގޮތުން ބަލިކޮށްލުމެވެ. ނަމަވެސް ތާލިބާނުން އަސްކަރީގޮތުން ބަލިކުރުމަށް އެމެރިކާއާއި ނޭޓޯގެ އިތުރުން އަފްޣާން ސަރުކާރުވެސް ނުކުޅެދިފައިވާތީ ތާލިބާނުންގެ ބާރުއޮއްވައި އަފްޣާނިސްތާނަށް ސުލްޙައާއި ހަމަޖެހުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ދެކެއެވެ.