ދުނިޔެ

ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަވަހަކަށް ނުފެށޭނެ- އދ


ކުރިއަށް އޮތް ދެ ހަފްތާ ނޫނީ 3 ހަފްތާ ތެރޭގައި ނޫނީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ނުފެށޭނެކަމަށް އދ.ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްތަފަން ދެ މިސްތޫރާ ވިދާޅުވެއްޖެއެވެ. 

ސުލްޙައިގެ ވާހަކަތައް އަލުން ފަށާނެ ތާރީޚެއް ކަނޑައެޅުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހާއި މަޝްވަރާ ކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޑިމިސްޓޫރާ ވިދާޅުވީ ސޫރިޔާގެ ކަންތައްތައް ހުރީ އަވަސްގޮތަކަށް ސުލްޙައިގެ ވާހަކަތައް ފެށޭފަދަ ހާލަތެއްގައި ނޫންކަމަށެވެ. ނަމަވެސް ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ފަށައިގެން އެވާހަކަތަކަށް ކުރިއެރުން ލިބިގެން ނޫނީ ސޫރިޔާގެ މައްސަލައަށް އެއްވެސް ހައްލެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޖެނީވާގައި ކުރިޔަށްދިޔަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް މިމަހުގެ ކުރީކޮޅު ހުއްޓުނީ އެވާހަކަތަކުގައި ބައިވެރިނުވުމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ނިންމުމާ ގުޅިގެނެވެ. ސުލްހައިގެ ވާހަކަތަކަށް އަލުން އަނބުރައި އައުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ޝަރުތުތަކެއް ހުށަހެޅިނަމަވެސް ސޫރިޔާ ސަރުކާރުން އެކަން ގަބޫލުކޮށްފައެއް ނުވެއެވެ. ޑިމިސްޓޫރާއާއި އދ. ގެ ސަލާމަތީ މަޖިލީހުންވެސް ވަނީ ސުލްޙައިގެ ވާހަކަތަކަށް އެނބުރި އައުމަށް ސޫރިޔާގެ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ.