ޚަބަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ފަހުކޮޅު ޖެހި ލަނޑާއެކު ރާއްޖެ ބަލިކޮށް އިންޑިއާ ސެމީއަށް


އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ރާއްޖެ ކޮޅަށް ވައްދާލި ލަނޑާއެކު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ.

އިންޑިއާ އަކީ އެންމެ ފަހުން ތިން ފަހަރުވެސް ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދި ޓީމެވެ. މިފަހަރުގެ މުބާރާތުގެ ސެމީއަށް އެ ޓީމު ދަތުރުކުރީ ގްރޫޕް ފިޔަވަހީގައި ބޫޓާނާއި ރާއްޖެ ބަލިކޮށްގެންނެވެ.

އަންފާ ކޮމްޕްލެކްސްގައި ކުޅުނު މި މެޗު އިންޑިއާ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ބޫޓާން އަތުންވެސް އިންޑިއާ މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ބޫޓާން އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން އިންޑިއާއަށް ބޭނުންވީ އެއްް ޕޮއިންޓެވެ.

އިންޑިއާ އިން މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ ބަދަލަކަށް ކުޅެން އެރި މަންގްލެންތަން ކިޕްގެން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާގެ ބޭރުން ޖެހި ބާރު ބޯޅައަކުންނެވެ. މި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އަދި އަނެއް ސެމީގައި ބޫޓާން ކުޅޭނީ މުބާރާތް ބާއްވާ ނޭޕާލާ އެވެ.

މެޗުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އިންޑިއާއަށްވެސް ރާއްޖެއާ ދެކޮޅަށް ކުޅުމުގައި ގިނަ އުނދަގޫތަކާ ކުރިމަތިލިއެވެ. ހާއްސަކޮށް ރާއްޖޭގެ ކީޕަރާއި ޑިފެންސްލައިނުގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.