ޚަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަހަރު ސޮއިކުރަނީ


ރާއްޖެއާއި ޗައިނާއާއި ދެމެދު އެކުލަވާލަން މަސައްކަތްކުރައްވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހު ބައްދަލުވުން އޯގަސްޓުމަހު ޗައިނާގައި ބާއްވާ މި އަހަރުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.

މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން ބަނޑޮސް އައިލެންޑް ރިސޯޓްގައި މިރޭވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މިމަހުގެ ތޭވީހުން ސައްބީހަށް ބަނޑޮސް އައިލެންޑް ރިސޯޓްގަ ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގެ ވެރިޔަކީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. ޗައިނާ ސަރުކާރުގެ ވަފްދުގެ ވެރިޔަކީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ފުކާންއެވެ.

ތިންވަނަ މަޝްވަރާ ބައްދަލުވުން ނިންމާލެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، މިބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެއްވީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ އުފެއްދުންތައް ޓެރިފެއް ނެތި އެކްސްޕޯޓް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންކަމަށެވެ. މިކަމުގެ އެއްބަސްވުމަކަށް އާދެވިފައިވާއިރު، ދެ ފަރާތުން ބާއްވާ އެންމެ ފަހު ބައްދަލުވުން އަންނަ އޯގަސްޓްމަހު ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބާއްވާ މި އަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެކަމުގެ ޔަޤީންކަން ލިިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް ރާއްޖޭގެ ވިޔަފާރިވެރިންނަށް ފަހި ވެގެންދާނެކަމަށެވެ. އެހެންކަމުން އެފުރުޞަތުގެ ބޭނުން ހިފާ، އެކަމަށް ތައްޔާރުވުމަށް މިނިސްޓަރ ވަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާބެހޭ މަޝްވަރާތައް ރަސްމީގޮތުން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖޭގައެވެ. އަދި ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ ޗައިނާގެ ބެއިޖިންގގައެވެ.