ޚަބަރު

ތައިލެންޑުގައި މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ


ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ އިރުދެކުނުގެ ސަރަޙައްދަކަށް ކުޑަ މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. ނުވަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓު ވެއްޓިފައި ވަނީ ޖަންގަލި ބޯ ސަރަޙައްދަކަށެވެ. މަތިންދާބޯޓުގައި ޗައިނާގެ ފަސް ފަތުރުވެރިންގެ އިތުރުން ތައިލެންޑުގެ ނުވަ ރައްޔިތުން ތިއްބެވެ. މި ހާދިސާގައި ބޯޓުގެ ދެ ޕައިލެޓުން މަރުވެފައިވާ ކަމަށް ވެސް ބެލެވެއެވެ.

ސެސްނާ ކެރެވޭން ސީ208ބީ މަރުކާގެ ކުޑަ މަތިންދާބޯޓު ވެއްޓިފައި ވަނީ ބެންކޮކު އިރުދެކުނުން 100 ކިލޯމީޓަރު ދުރު ޖަންގަލީގެ ސަރަޙައްދަކަށެވެ. މަތިންދާބޯޓުގައި ތިބި މީހުންގެ ހަށިތައް ހޯދަން އިދާރާތަކުން ދަނީ އެ ސަރަޙައްދުގައި އަތްފުނާ އަޅަމުންނެވެ. ބޯޓު ވެއްޓުނީ, ވައިގެ ބަނދަރުން ފުރިތާ 11 ވަރަކަށް މިނެޓު ފަހުންނެވެ.

ތައިލެންޑުގެ ޗަޗަންގްސާއޫ ޕުރޮވިންސުގެ ގަވަރުނަރު ޗޮންލަތީ ޔޮންކޯންގ ވިދާޅުވީ ބޯޓުން ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި, އެ މީހުންގެ ހަށިތައް ހޯދުމަށާއި, ބޯޓު ވެއްޓެން މެދުވެރި ސަބަބު ދެނެގަތުމަށް އިދާރާތަކުން ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. "މަރުވެފައިވާ ބައެއް މީހުންގެ ހަށިތައް ވަނީ ފެނިފައި،" އޭނާ ވިދާޅުވިއެވެ.

ބޯޓު ވެއްޓިފައި ވަނީ ޖަންގަލި ބޯ ސަރަޙައްދަކަށް ކަމަށް ވުމާ އެކު, އެ ސަރަޙައްދު އަތްފުނާ އެޅުމުގައި ހަރަކާތްތެރިވަމުންދާ ޓީމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ބޯޓު ވެއްޓުނު ސަރަޙައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު, އެ ސަރަޙައްދުން ނަގާފައިވާ ވީޑިޔޯތަކުން ފެނެއެވެ.

މަތިންދާބޯޓު ވެއްޓިފައި ވަނީ ބެންކޮކުގެ މައި ސުވަރްނަބޫމް ވައިގެ ބަނދަރުން ފުރައިގެން އެ ޤައުމުގެ އިރުމަތީ ޓްރާތް ޕުރޮވިންސަަށް ކުރި ދަތުރެއްގައެވެ. އެއީ, ތައި ފްލަޔިންގ ސަރވިސް ކުންފުނިން އޮޕަރޭޓު ކުރާ މަތިންދާބޯޓެކެވެ. ޗަޗަންގްސާއޫ ޕުރޮވިންސުގެ އޮފިޝަލުން ބުނީ, ވައިގެ ބަނދަރުން މަތިންދާބޯޓު އުދުއްސައިލުމަށް ފަހު 11 ވަރަކަށް މިނެޓު ފަހުން ބޯޓާ ގުޅުން ކެނޑުނު ކަމުގައެވެ.