ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަނީ


  • އެޗްޕީއޭ، އެމްއެފްޑީއޭ އަދި އިޤްތިޞާދީ ވުޒާރާގެ އޮފިޝަލުންވެސް ދެން ބައިވެރިވާނެ

  • މަޤްޞަދަކީ ވުޒާރާތައް ގުޅިގެން ރައްޔިތުންނަށް އަވަސް ހައްލެއް ހޯދައިދިނުން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ސަރުކާރުން ނިންމަވައިފިއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފާއިތުވި މަސްތަކުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުފައްދާފައިވާ ޓާސްކްފޯހުން ޚާއްސަ އިސްކަމެއް ދެއްވައިގެން މިހާރުކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަފާފުޅު ދެއްވާފައިވަނީ މި ބޮޑު މައްސަލަގައި ސަރުކާރާއި ދައުލަތުގެ އެއްވުޒާރާއާ އަނެއް ވުޒާރާ ގުޅިގެން ރައްޔިތުން އެދޭ އަވަސް ހައްލެއް ހޯއްދަވައިދެއްވުން ކަމަށެވެ.

އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެޗްޕީއޭ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ ޓާސްކްފޯހުގައި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިކަމާގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި މީގެފަހުން އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާގެ އޮފިޝަލުން ބައިވެރިވެވަޑައިގެން، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވި ބައެއް ކަންކަމުގެ އަލީގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހުގެ ކޮމްޕޮޒިޝަންއަށް ބަދަލު ގެނެސްފަ. އޮޕަރޭޝަންގައި އިތުރަށް ބައިވެރިވާ އިދާރާތަކުގެ އޮފިޝަލުން
ޓާސްކްފޯހުގެ ފަރާތުން އޮޕަރޭޝަނަލް މަސައްކަތްތާއި ތަންތަން ރެއިޑް ކުރަމުންދާއިރު އެކަމުގަ ބައިވެރިވާނެ" ވަޒީރު ވިދާޅުވިއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ ޖުލައި މަހުގައެވެ. މިއާއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.


އެ އޮޕަރޭޝަންތަކުގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާތަންތަނާއި ރަށްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި އުފައްދާތަންތަން ރެއިޑްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ގިނަ ބިދޭސީންތައް ދެނެގަނެ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސް އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގިވެސް ވަނީ ފަށާފައެވެ.

އެގޮތުން ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނެގުމާއި ފޭޝަލް ރިކޮގްނިޝަން ނަގައި ބިދޭސީމީހާ ދެނެގަތުމާއި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރަނގި އޮޕަރޭޝަންގެ ތެރެއިން ދަނީ ކުރަމުންނެވެ.