ޚަބަރު

ކޮންފަރެންސް ލީގު: ސަރވެޓްގެ މައްޗަށް ޗެލްސީން ކުރި ހޯދައިފި


ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފް ގައި ސްވިޒަލޭންޑްގެ ސަރވެޓް އާއި ދެކޮޅަށް ޗެލްސީ ކުޅުނު ފުރަތަމަ ލެގް ރޭ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު ފުރަތަމަ ލެގް ޗެލްސީން ކާމިޔާބުކުރިއިރު، މި މެޗްގައި ޗެލްސީއަށް ލީޑު ނަގައިދީފައިވަނީ މެޗްގެ 50 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންކުންކޫ އެވެ. އަދި 76 ވަނަ މިނިޓްގައި މަޑުއެކޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މިއީ ޗެލްސީގެ ކޯޗު ކަމަށާއި މި ސީޒަނުގައި އަލަށް ހަވާލުވި އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީ މޮޅުވި ފުރަތަމަ މެޗެވެ.

ޗެލްސީގެ އޮތް ބޮޑު ސްކޮޑާއި ގުޅޭ ގޮތުން މީޑިޔާގައި ގިނަ ވާހަކަތަކެއް ދެކެވެމުންދަނިކޮށް ކުޅުނު މި މެޗްގައި ކޯޗް މަރެސްކާ ވަނީ ތަފާތު ކުޅުންތެރިންތަކެއް ބޭނުން ކޮށްފައެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބޭނުން ކުރި ކުޅުންތެރިންގެ ތެރެއިން މި މެޗުން ފުރުސަތު ދީފައިވަނީ 2 ކުޅުންތެރިންނަށެވެ.

މި މުބާރާތުގައި ރޭ އިޓަލީގެ ފިއޮރެންޓީނާ އަމިއްލަ ދަނޑުގައި ހަންގޭރީގެ ޕުސްކަސް އެކެޑެމިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޕްލޭއޮފްގެ ދެވަނަ ލެގް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.