ޚަބަރު

ލޯންޗް ގޮއްވާލުމަށްފަހު ފިއްލެވުމަށް އަދީބް ވަނީ ނިންމަވާފަ


ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލާ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަވަހާރަކޮށްލުމަށް ރޭވި ރޭވުން ނާކާމިޔާބުވުމުން ގޮވާތަކެއްޗާއި ވިހަ ބޭނުންކޮށްގެން މީހުން މަރާ ފިއްލެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަސައްކަތްކުރެއްވިކަމަށް ދައުލަތުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލުން މިހެން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާލި މައްސަލައިގައި އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީ ގާޑުންކަމަށްވާ ހަސަން ރިކާޒާއި އަޙުމަދު އާމިރާއި ދެކޮޅަށް އުފުއްލަވާފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާގައި ހެކި ހުށައެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ.

އަޙުމަދު އަދީބާއި ދެކޮޅަށް ހެކި ހުށައަޅުއްވަމުން ދައުލަތުން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ގޮއްވާލުން ނާކިޔާބުވުމުން ރާއްޖެއިން ބޭރަށް ފިއްލަވައިގެން ވަޑައިގަތުމަށް ވިސާ ހޯއްދެވުމަށް އަޙުމަދު އަދީބު މަސައްކަތް ކުރައްވާފައިވާކަމަށެވެ. އަދި ވިސާ ހޯއްދެވުމަށް އަދީބު މަސައްކަތްކުރައްވާފައިވަނީ އެނާގެ ފޯނު މެދުވެރިކޮށްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މީގެއިތުރުން ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ކުރިންވެސް ރައީސް ޔާމީން އަވަހާރަކޮށްލުމަށް އަދީބް މަސައްކަތް ކުރެއްވިކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި އަހުމަދު އަދީބް އެކަން އެގޮތަށް ކުރައްވާފައިވަނީ އޭނާ އިސްވެ ހުންނަވައިގެން ރާއްޖޭގެ ރައީސްކަން ބޭނުންވެގެންކަމަށްވެސް ދައުލަތުން ވިދާޅުވެފައިވެއެވެ. އަޙުމަދު އަދީބާއި ދެކޮޅަށް އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރެއްވުމަށް އޭނާއާއި ދެކޮޅަށް ދައުލަތުން ސިއްރު ހެކީގެ ގޮތުގައި 13 ހެއްކެތް ހުށައަޅުއްވާފައިވެއެވެ.

މައްސަލައިން ދިފާއުވުމަށް އަޙުމަދު އަދީބުގެ ފަރާތުންވެސް ގިނަ ހެކިތަކެއް މިއަދު ހުށައަޅުއްވާފައިވެއެވެ. މިގޮތުން ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ކުރިން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އަޙުމަދު އަދީބު ސަރުކާރުން ބޭރުކުރައްވަން މަސައްކަތްޕުޅު ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ސާބިތުކުރެއްވުމަށް ސިއްރު ހެކީގެ ގޮތުގައި 5 މީހެއްގެ ނަން އަޙުމަދު އަދީބު ހުށައަޅުއްވާފައިވެއެވެ.

ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ދުވަހުގެ ކުރީރޭ އެ ލޯންޗްގައި އަޙުމަދު އަދީބް ދަތުރުކުރެއްވިފަހުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެ ލޯންޗްކޮޅުގައި ދަތުރުކުރައްވާފައިވާކަމަށް ވިދާޅުވެ ހެކީގެ ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ނަންފުޅުވެސް އަދީބު ހުށައަޅުއްވާފައިވެއެވެ.

މީގެއިތުރުން ލޯންޗްކޮޅުގައި ބޮން ގޮއްވި ދުވަހު ރައީސް ޔާމީންގެ ދަރިކަލުންވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ހުޅުލެއަށް ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ދަރިކަލުން މާލެ ގެންނަވާފައިވަނީ އެހެން ލޯންޗެއްގައިކަމަށް ވިދާޅުވެ އެކަން ސާބިތުކުރެއްވުމަށް ރައީސް ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމްގެ ނަންފުޅުވެސް ހެކީގެ ގޮތުގައި އަދީބު ހުށައަޅުއްވާފައިވެއެވެ.

ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އަޙުމަދު އަދީބާއި އޭނާގެ ދެ ބޮޑީ ގާޑުން އިންކާރުކުރައްވައިފާއިރު މި މައްސަލާގައި ހެކިބަސް ނެގުން އޮންނާނީ އަންނަ އަންގާރަދުވަހުގައެވެ.