ޚަބަރު

މ.މުލީގައި އިންސިނެރޭޓަރެއް ބިނާ ކުރަނީ


މ މުއްޔާއި ބ ދަރަވަންދޫއާއި އއ ތޮއްޑޫގައި ކުނި މެނޭޖްކުރުމާއި ގުޅޭ އެއްބަސްވުންތަކެއްގައި 3 ކުންފުންޏަކާއިއެކު އެންވަޔަރަމެންޓް މިނިސްޓްރީން ސޮއިކުރައްވައިފިއެވެ.

އެންވަޔަރމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މ. މުލީ ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނި އަންދާ އިންސިނެރޭޓަރ ޤާއިމްކުރުމަށް ޙަވާލުކޮށްފައިވަނީ އިންޓަރލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ދައުލަތުގެ ބަޖެޓުން 8 ލައްކަ ރުފިޔާ ޚަރަދު ކުރައްވައިގެން ޤާއިމް ކުރާ ކުނި ނައްތާލާ އިންސިނެރޭޓަރެކެވެ. 45 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ.

ބ. ދަރަވަންދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ޙަވާލުކޮށްފައިވަނީ ވީ އަވާރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. 170000 ރުފިޔާ މިކަމަށް ކަނޑައަޅުއްވާފައިވާއިރު، 15 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވެއެވެ.

އއ.ތޮއްޑޫ ކުނި މެނޭޖްކުރާ ސެންޓަރަށް ޖަނަރޭޓަރެއް ސަޕްލައި ކުރުމަށް ޙަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ 380000 ރުފިޔާއެވެ. ޖަނަރޭޓަރު ސަޕްލައި ކުރުމުގެ އިތުރުން، ޑެލިވަރކޮށް އަދި އިންސްޓޯލްކުރުމަށްވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. 8 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށްފަހު، މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން، އެންވަޔަރމަންޓް މިނިސްޓަރގެ ނައިބު އަލީ އާމިރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުނީގެ ހާލަތު ރަގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، ގދ.ތިނަދޫ އަދި ގއ. ވިލިގިލީގައި އިންސިނެރޭޓަރުތައް އޮޕަރޭޓް ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.