ޚަބަރު

ރައްކާތެރި ނޫންގޮތުގައި ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި އަނެއްކާވެސް ބިދޭސީންތަކެއް އަތުލައިގަނެފި


  • މި އޮޕަރޭޝަންގައި 26 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

ރައްކާތެރިނޫން ގޮތުގައި ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ބިދޭސީންގެ 26 މީހަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މި 26 މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރީގެ އުސޫލުން ފުޅާ ދާއިރާއެއްގައި އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނާއެކު ކުރިއަށްގެންދިޔަ 2 އޮޕަރޭޝަންގައިކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ މީގެތެރެއިން ފުރަތަމަ އޮޕަރޭޝަންގައި މ.ތްރީ މޫން ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ސާފުތާހިރުކަމެއް ނެތް ތަނެއްގައި އެ ބިދޭސީން ދިޔައީ "މޯލްޑިވްސް ސުޕަ ކުއަލިޓީ"ގެ ނަމުގައި ލުއިކާނާގެ ބައެއް ބާވަތްތައް ތައްޔާރުކޮށް ބަންދުކުރަމުންނެވެ. އޭގެތެރޭގައި ގުޅަ، ބަޖިޔާ، ހިކިމިރުސް، ރިހާކުރު ޗިޕްސް އަދި ތެލުލި ފަތްފަދަ ލުއިކާނާގެ ބާވަތްތައް ހިމެނެއެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ދެވަނަ އޮޕަރޭޝަންގައި ބަލާ ފާސްކޮށްފައިވަނީ ގ. މޫން ލައިޓްގައެެވެ. އަދި އެތަނުގެ 1 ވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ޚިދުމަތްދެމުންދިޔަ ކަމަށާއި އެތަނުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާކަންވެސް އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތުގައި ގިނަ ޢަދަދެއްގެ ބިދޭސީން ދަނީ އަތުލައިގަންނަމުންނެވެ.