ކ.ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 08:36 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށެވެ.
ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 11:04 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދީފައިވާކަމަށެވެ.