ޚަބަރު

ޚާއްޞަ އިނާމަށް، ދުރާލައި ނަން ހުށައެޅުމަށް ކޮމެޓީން އިލްތިމާސްކުރައްވައިފި


  • ސެޕްޓެމްބަރ 16ގެ ނިޔަލަށް ފޯމު ހުށައެޅޭނެ

  • ފޯމު ހުށައެޅޭނީ އޮންލައިންކޮށް

  • އިނާމަށް ހުޅުވާލާފައިވަނީ 4 ގިންތިއަކުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް އެދި ހުށަހައްޅުއްވާ ފަރާތްތަކުން، ދުރާލާ ނަން ހުށައެޅުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އިލްތިމާސްކުރައްވައިފިއެވެ. ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެކަމާގުޅޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުގައެވެ. އަދި ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 16ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޚާއްސަ އިނާމާ ބެހޭ ކޮމެޓީގެ ޗެއަރ ޑރ. އަލީ ޒާހިރު ވިދާޅުވީ، އެ ކޮމެޓީއަށް މީގެކުރިން ފާހަގަވެފައިވާ ކަންކަމުގެ ތެރޭގައި ވަގުތު ޖެހެން ކައިރިކޮށްފައި ނަން ހުށައެޅުން ހިމެނޭކަމަށެވެ. އެހެންކަމުން ހުށައަޅަންޖެހޭ ހުރިހައި ލިޔުމެއް ހުށަނޭޅި ނުވަތަ ބައެއް މައްސަލަތައް ހުންނަކަން ފާހަގަވާކަމަށެވެ. އެހެންކަމުން ދުރާލާ ފޯމު ހުށައެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

" ފަހުވަގުތުގައި އެކަންކުރަން ހަދައިގެން ވަރަށް ބޮޑެތި މިސްޓޭކްސް ހެދި ކަންކަން ނުވެ އެބޭފުޅުންނަށް އެ ފުރުސަތު ގެއްލިފައި އެބަހުރި. އެހެންވީމަ އެއީ ފާހަގަކޮށްލެވޭ ކަމެއް. އަޅުގަނޑުމެން ތެރޭގައި އިނާމަށް ޝައުގުވެރިވާ ބޭފުޅުން ކުރިއާލާ އެކަމައިގެން އުޅުން އެއީ ވަރަށް މުހިންމު ކަމެއް. ދެން ހަމައެހެންމެ އެޓެސްޓެޑް ކުރުމުގެ ކަންކަމަކީވެސް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާކަމެއް ކޮމެޓީއަށް މީގެކުރިން. އެއީ ބައެއް ފަހަރަށް ފަރުވާކުޑަކޮށްލެވެނީކަމަށްވެސް ވެދާނެ. ބައެއް ސަފުހާތައް އެޓެސްޓް ނުކުރެވި ހުންނަނީ." ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ. ފުރަތަމަ ގިންތިއަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. ދެވަނަ ގިންތިއަކީ، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. ހަތަރުވަނަ ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. މި ގިންތިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.