ޚަބަރު

ސަރަޙައްދީ ޤައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރަނީ


ދިވެހިރާއްޖެއިން ތަރައްޤީގެ ހަރުފަތަކަށްފަހު ހަރުފަތެއް ގިނާކުރަމުން ގޮސް، ރާއްޖޭގެ އެތެރޭގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރެއްވުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ސަރަޙައްދީ ޤައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސައުތު އޭޝިއާ ސަބްރީޖަން އިކޮނޮމިކް ކޯޕަރޭޝަން، ސަސެކް ކަސްޓަމްސް ސަބްގްރޫޕްގެ ފަސްވަނަ ބައްދަލުވުން ފެއްޓެވުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެ އިޤްތިޞާދީ ތަރައްޤީގެ ދައިރާއިން އިންޤިލާބީ ބޮޑު ކުރިއެރުމެށް ހޯއްދެވުމަށް އަމާޒުކުރައްވައި، މަސައްކަތް ކުރަމުންދާއިރު ސަރަޙައްދީ ޤައުމުތަކާއެކު އޮންނަ އިޤްތިޞާދީ ގުޅުން ބަދަހިކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި މިދާއިރާއިން ދެމެހެއްޓެނިވި ގުޅުން ޤާއިމުކުރެވިފައިވުމަކީ ރާއްޖެއަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ބޭރުގެ އިންވެސްޓަރުން ރައްޖޭގައި އިންވެސްޓްކުރެއްވުމަށް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި މިއީ ރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ ފަހި ދުވަސްތައްކަމަށް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޒަމާނީ ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ސަރަޙައްދީ ގިނަ ޤައުމުތަކުން ކުރިއެރުން ހޯދަމުންދާއިރު އެއްޤައުމުން އަނެއް ޤައުމަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި ހަރުދަނާ އަގުހެޔޮ ނިޒާމެއް ޤާއިމުވެފައި އޮތުން ވަރަށް މުހިންމުކަމަށެވެ.

ސަސެކްގެ ކަސްޓަމްސް ސަބްގްރޫޕްގެ 5 ވަނަ ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން މިބައްދަލުވުމުގެ ތެރެއިން އެ ގްރޫޕްގެ ވޯކްޕްލޭން މުރާޖާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ސަރައްދީ ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގައި ޤައުމުތަކުގެ ކަސްޓަމްސް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ނިންމުންތަކެއް ނިންމެވުމަށް ވަނީ ހަމަޖެހިފައެވެ.