ޚަބަރު

ޤަވާއިދާ ޚިލާފު އުޅަނދުތަކަށް ބިން ހަމަޖައްސައިދެއްވީ އެމީހުންނަށް ގޮތް ހޯދައިދިނުމަކަށް ނޫން: ވަޒީރު އަމީން


  • ބިމުގައި މިއަދުން ފެށިގެން ޕާކު ކުރެވޭނެ

  • ވުޒާރާއިން އިޢުލާނެއް ނެރޭނެ

މާލެއާއި ހުޅުމާލޭގައި ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށް ސަރުކާރުން ބިން ހަމަޖައްސައިދެއްވީ އެ އުޅަނދުތައް ބޭނުންކުރާ މީހުންނަށް ގޮތް ހޯދައިދިނުމަށް ނޫންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ އުޅަނދުތައް ބޭއްވުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓާއި އިންވެގެން އޮންނަ ހުސް ބިމެއް ހަމަޖައްސަވައިދެއްވާފައެވެ. މިބިން އެވުޒާރާއާ ހަވާލުކޮށްދެއްވީ އެޗްޑީސީންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ގަވާއިދާއި ޚިލާފަށް އުޅަނދުތައް ގެންގުޅޭ މީހުންނަށް ސަރުކާރުން އުޅަނދުތައް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކުރުމަށް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ޒޯނަށް އުޅަނދު ގެންދިއުމަށް 6 މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. އުޅަނދު މިބިމަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލުމަށްފަހު މަގުމަތީގައި އުޅަނދު ޕާކްކޮށްފައި ބޭއްވުމަށް ލިބޭނީ 40 ދުވަހުގެ މުއްދަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެބިން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ރިކުއެސްޓް ކުރެއްވީ ވަގުތީ ގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް. އަދި ޤަވާއިދާއި ޚިލާފު އުޅަނދުތަކަށް ގެންގުޅޭ މީހުންނަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަތަރުފުރޮޅުލީ 1200 ވަރަކަށް އުޅަނދު އެބައުޅޭ ނުގަވާއިދުން އުޅޭ. އުންމީދަކީ އޭގެން 20 އިންސައްތަ އުޅަނދުތަކަށް ވެސް މިބިން މެދުވެރިކޮށް ވަގުތީ ހައްލެއް ހޯދައިދިނުން" ވަޒީރު ވިދާޅުވިއެވެ

ވަޒީރު ވަނީ މި ބިމުގައި މިއަދުން ފެށިގެން ޕާކު ކުރެވޭނެ ކަމަށާއި މާލެ ސަރަހައްދުގައި ޕާކުކޮށްފައި ރަޖިސްޓްރީ ނުކުރެވި ހުރި ވެހިކަލްތަކާއި އަދި ޒޯން އޮޅުވާލައިގެން ގެންގުޅެމުންދާ ވެހިކަލްތަކާއި ނުބައި ނަންބަރު ޕްލޭޓްއަޅުވައިގެން ގެންގުޅޭ ވެހިކަލްތައް މިސަރައްދަށް އެ ބޭފުޅުން އަމިއްލައަށް ގެނެސް ބަހައްޓަން މިއަދު ވުޒާރާއިން އިޢުލާނެއް ކުރައްވާނެ ކަމަށެވެ.

ސަރުކާރުން މިފަދައިން ވަގުތީ ބިމެއް ހަމަޖައްސަވާދީފައިވާއިރު މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.