ޚަބަރު

ކެރީގެ އަސަރުކުރިނަމަވެސް، މޫސުން ދަނީ ރަނގަޅުވަމުން: މެޓް އޮފީސް


  • އިއްޔެ ކުރި ވިއްސާރާއިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައި

ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުކުރިނަމަވެސް ރާއްޖެ ސަރަހައްދުގެ މޫސުން ދަނީ ރަނގަޅުވަމުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެ ސަރަހައްދަށް މޫސުން ރަނގަޅުވަމުންދާއިރު ކޮންމެވެސް މިންވަރަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ. ނަމަވެސް ވައި މަޑުވާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ. އެގޮތުން އުތުރާއި މެދުރާއްޖެ ތެރެއަށް ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލަށް ވައިޖެހޭނެ ކަމަށާއި ދެކުނަށް 5 މޭލަށް 15 ވައި ޖެހޭނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިމް ލަފާކުރައްވައެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ވިދާޅުވީ އުތުރުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ނަމަވެސް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.

އިއްޔެ ކުރި ވިއްސާރާގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ހއ.ހޯރަފުށީގެ 2 ގެއަކަށް, ހދ.ކުޅުދުއްފުށީގެ 57 ގެއަކަށް, ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީގެ 5 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.