ޚަބަރު

ކޯޕާ ލިބަޓަޑޯރެސްގެ ކުއާޓަރ ފައިނަލުން ބްރެޒިލްގެ ފްލުމިނެންސޭ ޖާގަ ހޯދައިފި


އެމެރިކާ ބައްރުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ކޯޕާ ލިބަޓަޑޯރެސް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ބްރެޒިލް ފްލުމިނެންސޭ ހޯދައިފި އެވެ.

ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ރޭ ގްރޭމިއޯ އާއި ދެކޮޅަށް ދެވަނަ ލެގަށް ފްލުމިނެންސީ ނިކުތްއިރު އެ ޓީމު ވަނީ ފުރަތަމަ ލެގުން 2-1 އިން ބަލިވެފައެވެ. ނަމަވެސް ރޭގެ މެޗު ހަމަ އެ ނަތީޖާއަކުން ކާމިޔާބުކޮށް ކުއާޓަރ ފައިނަލުގެ ޖާގައެއް ފްލުމިނެންސޭ އިން ހޯދާފައިވަނީ މެޗްގެ އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓްގައި ފްލުމިނެންސޭއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ ތިއާގޯ ސިލްވާ އެވެ. މިއީ އުމުރުން 39 އަހަރުގެ ތިއާގޯ ސިލްވާ އޭނާގެ ކުރީގެ ކްލަބަށް 2008 ވަނަ އަހަރަށްފަހު ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

އަދި އޭގެ ސާދަ މިނިޓް ފަހުން ޖޯން އަރިއާސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފްލުމިނެންސޭއަށް ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނިޓްގައި ގްރޭމިއޯގެ ގުސްޓާވޯ ނޫނޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފަ އެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގައި ފްލުމިނެންސޭ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ ބްރެޒިލްގެ އެތްލެޓިކޯ މިނޭރޯ އާއި އާޖެންޓީނާގެ ސެން ލޮރެންޒޯ ބައްދަލު ކުރާ މެޗަށްފަހުގަ އެވެ.