ޚަބަރު

ދިވެހީންގެ ކުރިއެރުމަށް ވީހާވެސް ގިނަ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު: ޚާރިޖީ ވަޒީރު


  • ސަޢޫދީގެ ރިޔާޛުގައި ދިރިއުޅޭ ދިވެހިންނާއި ޚާރިޖީ ވަޒީރު ވަނީ ބައްދަލުކުރައްވާފައި

ރާއްޖެއިން ބޭރުން ތައުލީމް ހާސިލުކުރުމާއި އެހެނިހެން މަސައްކަތްތަކުގައި ކުރިއަށްދިއުމަށް ވިހާވެސް ގިނަ ދިވެހީންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސަޢޫދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ރިޔާޛުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސަޢޫދީ އަރަބިއްޔާގައި ދިރިއުޅޭ ދިވެހިންނާއެކު ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ޤައުުމުގައި ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންނާއި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި، އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ ބައިވެރިވިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ ރިޔާޛުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކޮށް، އެކި ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާލެވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ. އަދި ތައުލީމް ހާސިލުކުރުމާއި އެހެނިހެން މަސައްކަތްތަކުގައި ކުރިއަށްދިއުމަށް ރާއްޖެއިން ބޭރުން ވިހާވެސް ގިނަ ދިވެހީންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރެއްވުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ދެއްވިކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ސައޫދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ސައޫދީގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ސައުދީ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، މަތީ ފެންވަރުގެ މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވަވާފައެވެ.