ޚަބަރު

ރައީސް ބޭނުންފުޅުވަނީ ތަޖުރިބާކާރުންގެ ލަފަޔާއެކު ލާމަރުކަޒީ ނިޒާމު އިސްލާހު ކުރެއްވުމަށް


  • ތަޖުރިބާ ހުރި ބޭފުޅުންގެ ހިޔާލާއެކު ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވި

ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެންނައިރު، އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުންގެ ލަފަޔާއެކު އެމަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާކަމަށް ސިޓީތަކާއި، އިދާރީތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވެފައި މިވަނީ، ލާމަރުކަޒީ ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސިޓީތަކާއި، އިދާރީތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުކަމަށެވެ. އަދި އެ ނިޒާމު އިސްލާހުކުރުމަށް މަސައްކަތް ކުރައްވާއިރު އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުންގެ ލަފާފުޅު ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެބޭފުޅުންގެ މަޝްވަރާގެ އަލީގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި ނިޒާމު ބައްޓަންކުރަންވީގޮތުގެ މައްޗަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި މި ބައްދަލުވުމުގައި ޤާނޫނު އަސާސީ އެކުލަވާލުވުމުގެ މަސައްކަތް ކުރެއްވި ބޭފުޅުންނާއި ލާމަރުކަޒީ ނިޒާމު ތައާރަފު ކުރުމަށްޓަކައި ދިރާސާ ކުރެއްވި ބޭފުޅުންނާއި ކުރީގެ ވަޒީރުންނާއި މޭޔަރުންވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެ ތެރެއިން ބައެއް ބޭފުޅުން ވަރަށް ޖަޒުބާތުގައި ވިދާޅުވި އެބޭފުޅުން މީގެ 15 ވަރަކަށް އަހަރު ކުރިން މި މަސައްކަތް ކުރެއްވުމަށްފަހުގައި މިހާ ހިސާބަށް އައިރުގައި ނިޒާމަށް ވެގެންދާގޮތް ލޮލުން ދެކެމުންދިޔައިރު.. ހަޤީޤަތުގައި ނިޒާމު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ވާހަކަ ދައްކަވަން އެންމެ ފުރަތަމަ ފުރުސަތު ލިބިވަޑައިގެންނެވި ފަހަރުކަމަށް މިއީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި ކައުންސިލްތަކަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ ތަންތަނުގެ ގޮތުގައި ބައްޓަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.

އިދާރީ ދާއިރާތަކާބެހޭ ވުޒާރާއިން މިހާރު ގެންދަވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންނެވެ، އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަގުޗާޓެއް އެކުލަވާލައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކައުންސިލްތަކާއި ބައްދަލުކޮށް ހިޔާލު ހޯދުމަށް ވަނީ ނިންމާފައެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިޔާލުވެސް ހޯއްދަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.