ޚަބަރު

ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ގުޅޭނެ ހެލްޕް ލައިނެއް ގާއިމުކުރަނީ


  • ހެލްޕް ލައިން ގާއިމުކުރެއްވުމަކީ ސޯޝަލް ކައުންސިލްގެ ނިންމެވުމެއް

  • ހެލްޕް ލައިނާއެކު، ވަކިވަކި އިދާރާއަށް އިމަރޖެންސީގައި ގުޅާކަށް ނުޖެހޭނެ

ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ހެލްޕް ލައިނެއް ގާއިމުކުރުމަށް ނިންމާ އެކަމުގެ މަސައްކަތްތައް ފައްޓަވައިފިއެވެ.

މިމަސައްކަތަކީ ޞިއްހަތާ ބެހޭ ވުޒާރާއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ކައުންސިލަށް ހުށައަޅުއްވާ، އެ ކައުންސިލުން ފާސްކުރައްވައިގެން ކުރައްވަން ނިންމެވި މަސައްކަތެކެވެ.

ސޯޝަލް ކައުންސިލުން ނިންމަވާފައިވަނީ ޤައުމީ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ޤައުމީ ހެލްޕް ލައިން ޤާއިމުކުރުމާގުޅޭ ކަންކަން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ކުރިއަށްގެންދެވުމަށެވެ.

މިކަމާ ގުޅޭ އިދާރާތަކުގެ ޚާއްސަ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން، ޞިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ޤައުމީ ދިފާޢީ ބާރާއި ކަމާ ގުޅުންހުރި އިދާރާތަކުން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ޝޯޓްކޯޑް ލައިން"ގެ ސަބަބުން، އިމަރޖެންސީ ހާލަތުގައި ކޮންމެ ކަމެއް ރިޕޯޓްކުރަންވިއަސް ގުޅަންޖެހޭނީ އެހޮޓްލައިން ނަންބަރަށެވެ. އެހިސާބުން، އެކަމުގައި ފިޔަވަޅު އަޅާ އިދާރާތަކުން އެކަމަކަށް އެޓެންޑްވާން ފަށާނެއެވެ.

ޝޯޓް ކޯޑް ލައިން ތަޢާރަފްކުރެއްވުމުގެ މަސައްކަތަކީ ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ އިދާރާ ނޭނގިގެން ރައްޔިތުންނަށް ދިމާވާ ދަތިކަން ހައްލުކޮށް، ލުއިފަސޭހަކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިކަމާ ގުޅޭ މަޝްވަރާތައް ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މިޚިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ފޯރުވައިދިނުމެވެ.

ރާއްޖޭގެ ޚިދުމަތުގެ ނިޒާމު މިހާރު ގާއިމުވެފައި އޮތްގޮތުން، ކުއްލި ހާލަތްތަކުގައި ގުޅަންޖެހެނީ ވަކިވަކި އިދާރާތަކުގެ ވަކިވަކި ނަންބަރުތަކަށެވެ. ނަމަވެސް "ޝޯޓްކޯޑް ލައިން"އާއެކު މި މައްސަލައަށް ހައްލު ލިބޭނެއެވެ.