ރައްޔިތުންނަށް ވެ ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ފުއްދާނެ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެކަމަށް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް އިސްކަންދިނުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައިގަކަމަށެވެ.
އެފަދަ ނާޒުކު ހާލަތެއްގައި ދައުލަތުގެ މާލީ ނިޒާމު އޮތް ދަނޑިވަޅެއްގައި މިހާހިސާބަށް ދައުލަތް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީއެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، ދިވެހި ދައުލަތާއި، ރައްޔިތުންގެ ހައްގުގައި ކުރައްވާ ކޮންމެކަމެއްވެސް ސަރުކާރުން ކުރައްވާނީ ވަރަށް ސަބިތުކަމާއެކުގައިކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރެވޭނެކަމަށެވެ. އެގޮތުން، ހުޅުމާލެ ފޭސް 1ގައި މިހާރު މަޝްރޫޢުތައް ފެށިގެން ކުރިއަށްދާކަމަށާއި، ފޭސް 3ގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އަދި ގުޅީފަޅުގަ ކުރިއަށްދާ ހައުސިން މަޝްރޫޢުތަކާއި އަދި މިނޫނަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް މި ދައުރުތެރޭ ނިންމާލެވޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ، ރައީސް ކުރައްވަމުން ގެންދަވާ ހުރިހާ މަސައްކަތްތަކަކީވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއްކަމަށެވެ. އަދި މި ސަރުކާރަކީ، ވެވަޑައިގެންފައިވާ ވަޢުދުތައް ތަންފީޒުކޮށްދޭނެ ފުރަތަމަ ސަރުކާރަށްކަމަށް ޝުޖާއު ވިދާޅުވިއެވެ.
" މި ސަރުކާރު ވެގެންދާނީ މިހާތަނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ރަނުންރަނަށް، އަކުރުން އަކުރަށް ތަންފީޒުކޮށްދޭނެ ފުރަތަމަ ވެރިކަމުގެ ގޮތުގަ ރައްޔިތުންނަށް ދައްކާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޤައުމުގެ ކަންކަން އިސްލާހު ކުރުމަށާއި، ޤައުމަށް ތަރައްޤީ ގެނައުމަށްޓަކައި، ގެންނަންޖެހޭ ކޮންމެ ބަދަލެއްވެސް ރައީސް ގެންނަވާނީ ސާބިތުކަމާއެކުގައިކަމަށެވެ.