ޚަބަރު

ރައީސް އެންގެވީ ޤާނޫނު ތަންފީޒްކޮށް، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ދިނުމަށް: ދާޚިލީ ވަޒީރު


  • ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަވަސް ފިޔަވަޅުތަކެއް ދަނީ އަޅަމުން

ޤާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށާއި އެމަގަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

މި މައްސަލާގައި ޙައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ.

އޭނާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވުމުން، އެކަމަށް އިޝާރާތްކުރައްވާ ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޤާނޫނު ތަންފީޒްކުރެއްވުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެގޮތަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވާގޮތްކަން ފާހަގަކުރައްވާ ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަޅަމުންދާ އަވަސް ފިޔަވަޅުތަކަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އިމިގްރޭޝަނުން ދަނީ އެފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭ ގޮތަށް ތަޢާރަފް ކުރެވުނު މި ޕްލެޓްފޯމްގެ ތެރެއިން ކާކުކަން ނެނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ. އިމިގްރޭޝަނުން ވިދާޅުވީ، މި ޕޯޓަލަށް މިހާތަނަށް 300 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.