ޚަބަރު

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރިކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި


  • މާލޭގެ މަގުތަކުގައި ދިރުއުޅޭ ބުޅާ ހިފާ މައްސަލަ އޮތީ ފެންމަތިވެފައި

  • އެމީހާ ބުޅާ ހިފަނީ ކާބޯތަކެތި ހަދަންކަމަށް ތުޙުމަތުކުރޭ

  • ފުލުހުން މިއަދު ވަނީ އެމީހާ ހައްޔަރުކޮށް މައްސަލަ ބަލަން ފަށާފައި

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ޙައްޔަރުކޮށްފިއެވެ. މި މައްސަލާގައި ޙައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އެ ބިދޭސީ ފަރާތް ހޯދައި އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އެމީހާ ޙައްޔަރުކޮށްފައިވަނީ ސިފަ ބަދަލުކުރުމަށް ސެލޫނަކަށް ގޮސްހުއްޓައެވެ.

މަގުމަތީގައި އުޅޭ ބުޅާތައް ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެމީހާގެ މައްޗަށް މަގުމަތީގައި އުޅޭ ބުޅާތައް ހިފާކަމުގެ ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން މީސް މީޑިއާގައި އާންމު ގިނަ ފަރާތްތަކުންވެސް ހިއްސާކޮށްފައިވެއެވެ. އަދި އެމައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެކަން ބަލަން ފެށީ އިއްޔެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަގުމަތީގައި އުޅޭ ބުޅާ ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ ފަރާތަކާ ބެހޭ މަޢުލޫމާތު އަމިއްލަ ފަރާތަކުން އެ ވުޒާރާއާއި ހިއްސާކުރުމާ ގުޅިގެން، އެ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށައެޅީކަމަށެވެ. ފުލުހުން މިއަދު ވަނީ، އެމީހާ ހައްޔަރުކޮށް އެ މައްސަލަ ތަޙުގީގު ކުރަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

މިމައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް ކޮށްފައިވެއެވެ. އެގޮތުން މައްސަލަ ބެލުމަށް އޭނާ ދިރިއުޅޭ ތަނަށް އިމިގްރޭޝަނުން ދިޔައިރު އެތަނުން އޭނާ ފެނިފައި ނުވާތީ، އޭނާގެ ވަނަވަރު އާންމުކޮށް 5 ދުވަހުގެ ތެރޭގައި އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށް ޢާންމުކޮށް އިއުލާންކުރިއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ ޢަދަދެއްގެ ބިދޭސީން ދަނީ އަތުލާގަންނަމުންނެވެ.