ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސަޢުދި ޢަރަބިއްޔާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ ބައްދަލުކުރައްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑު ވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއް ވަނީ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރަށް އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ ރޮނގުންނާއި، ބައިނަލްއަޤްވާމީ މަސްރަހުގައި މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ވަޒީރުންވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު، ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ހިންގެވުމާ ވަގުތީގޮތުން ޙަވާލުވެ ހުންނެވި އަޙުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.
Minister @MoosaZameer and delegation visited the @MDVinSaudi.
— Ministry of Foreign Affairs 🇲🇻 (@MoFAmv) August 19, 2024
Minister interacted with the Embassy staff and emphasised the importance of delivering efficient services to the Maldivian community residing in Saudi Arabia & strengthening the bilateral cooperation with 🇸🇦 pic.twitter.com/5Nfg5lfC9X
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސަޢުދީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވާފައެވެ. އެމްބަސީގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ އެމްބަސީގެ ފަރާތުން އެ ޤައުމަށް ދަތުރުކުރާ ދިވެހީންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެމްބަސީގެ ދައުރު ވަރަށް ފުޅާކަން ފާހަގަކުރައްވާފައެވެ.