މާލޭގެ މަގުމަތީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަކަމުގެ ތުހުމަތުގައި 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ، ވިއްކާ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ.މާމެންދޫ، މޫނިމާގެ ނަޒީހު ޝަރީފް(27 އަހަރު) އަދި ޏ.ފުވައްމުލައް، ދަނޑިމަގު، ވައިގެ މުހުސިން މުޙައްމަދު (30 އަހަރު)އެވެ.
ފުލުހުން ވިދާޅުވީ މާލެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި 2 މީހުންނާ މެދު ތުހުމަތުކުރެވިގެން، ހުއްޓުވައި ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 69 ގްރާމް ހުރިކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާއި ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުގީގުކުރަމުންނެވެ.