ޚަބަރު

ތައިލެންޑް މުބާރާތުގައި ރާއްޖޭގެ މިރާލް އާއި ރިހާންއަށް ބޮޑެތި ކާމިޔާބީތަކެއް


ތައިލެންޑްގައި ކުރިއަށްދާ އޭއޯއެސްއައި ޝޯޓް ކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕުގެ ބެންކޮކް އެޑިޝަންގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމް އާއި މިރާލް އައިން ލަތީފް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

މުބާރާތުގައި ވާދަކުރި އިވެންޓުތަކުގައި ރިހާން ވަނީ ތިން ރިހި މެޑަލް އާއި އެއް ލޯ މެޑަލް ހޯދާފައެވެ. އަދި މިރާލް ވަނީ ތިން ލޯ މެޑެއްޔާއި އެއް ރިހި މެޑަލް ހޯދާފައެވެ. ރިހާން ވަނީ 16-18 އަހަރުގެ ކެޓަގަރީގައި ވާދަކޮށް، 50 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.

ރިހާން ލޯ މެޑަލް ހޯދާފައިވަނީ 200 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. އިވެންޓްތައް ނިންމި ޓައިމިން އަށް ބަލާއިރު، 50 މީޓަރު ބެކްސްޓްރޯކް ނިންމީ، 00.29.06 ސިކުންތުންނެެވެ. ސަތޭކަ މީޓަރު ބަޓަފްލައި 00:59.69 ސިކުންތުން ނިންމިއިރު، 100 މީޓަރު ބެކްސްޓްރޯކް ނިންމީ 01:02.81 އިންނެވެ. އަދި 200 މީޓަރު ފްރީސްޓައިލް އިވެންޓް ނިންމީ، 02:03.06 އިންނެވެ.

މުބާރާތުގެ އިވެންޓުތަަކުގައި ވާދަކޮށް މިރާލް މެޑަލްތައް ހޯދީ، 14-15 އަހަރުގެ ކެޓަގަރީގައި ވާދަކޮށްގެންނެވެ. އެގޮތުން 02:54.06 އިން ނިންމި 200 މީޓަރު ބަަޓަފްލައި އިވެންޓުންނާއި 01:11.52 އިން ނިންމި 100 މީޓަރު ބަޓަފްލައި އިވެންޓްގެ އިތުރުން 00:31.14 ސިކުންތުން ނިންމި 50 މީޓަރު ބަޓަފްލައި އިވެންޓުން ވަނީ މެޑަލް ހޯދާފައެވެ.އަދި ރިހި މެޑަލް ހޯދީ 100 މީޓަރު އިންޑިވިޖުއަލް މެޑްލީ 01:14.07 އިން ރޭސް ނިންމައިގެންނެވެ.