ޚަބަރު

ހުރިހާ ކުޅުންތެރިންނަށް ޖާގަ ދެވޭކަށް ނެތް: މަރެސްކާ


ޗެލްސީން އައު ސީޒަނުގެ ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗަށް ނެގި ސްކޮޑުގައި ރަހީމް ސްޓާލިން ހިމަނާފައިނުވުމުން އެ ކަމާ ގުޅޭގޮތުން އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށް، އެ ޓީމުގެ އައު ކޯޗު، އެންޒޯ މަރެސްކާ ވަނީ މިހާރު އެ ކްލަބުގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލަންޖެހިދާނެ ކަމަށް ބުނެފައެވެ.

"އަހަރެން ބޭނުންވަނީ ރަހީމް ސްޓާލިން އެކަންޏެއް ނޫން. އަހަރެމެންގެ 30 ކުޅުންތެރިން ވެސް ބޭނުން،"

"އެކަމަކު އެންމެންނަށް ޖާގައެއް ނެތް. އެހެންވީމާ ބައެއް ކުޅުންތެރިން ޓީމުދޫކޮށް ދާންޖެހޭނެ." މަރެސްކާ މިހެން ބުނީ، މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

އަދި، ސްޓާލިން ސްކޮޑަށް ނުނަގަނަން ނިންމި ނިންމުމަކީ ޓެކްނިކަލް ކަމެއް ކަމަށް ވެސް މަރެސްކާ ވަނީ ބުނެފައެވެ.

ރޭގެ މެޗަށް ނެގި ސްކޮޑުގައި ސްޓާލިން ނުހިމެނުމުން އޭނާގެ ފަރާތުން މަންދޫބުން ނެރުނު ބަޔާނެއްގައިވަނީ، ކޯޗު މަރެސްކާ އާއެކު ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި، ޗެލްސީގައި ދެމިހުރުމަށް ޝައުގުވެރިވާ ކަމަށް ވަނީ ބުނެފައެވެ.

"މި ހަފްތާގެ ކުލަބުގެ ރަސްމީ ޕްރީ-މެޗާ ގުޅޭ އެންމެހާ މެޓީރިއަލްސްގައި އޭނާ ހިމެނިފައިވާތީ، މި ހަފްތާ ބޭއްވުނު މެޗުގައި ރަހީމް ކޮންމެވެސް ވަރަކަށް ބައިވެރިވާނެ ކަމަށް އަހަރެމެން އުންމީދުކުރިން،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާތަނަށްއައިއިރު ޗެލްސީ އާއެކު އެކި ކަންކަމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާތަކުގައި ސްޓާލިންގެ މުސްތަގުބަލާ ގުޅޭގޮތުން، ޔަގީންކަންދީފައިވާ ކަމަށާއި، ރަނގަޅު މުޢާމަލާތްތަކެއް އަބަދުވެސް ކުރެވެމުންއަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި ކުރިއަށް އޮތް ތާނގައި، އޮޅުންނުފިލާ ހުރި އެންމެހާ ކަންކަމެއް ސާފުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރީން، 2022 ވަނަ އަހަރު ސިޓީން ޗެލްސީއާ ގުޅުނުފަހުން ސްޓާލިން އަށް އެންމެ އެކަށީގެންވާ ފަދަ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އޭގޮތުން، ނިމިދިޔަ ސީޒަނުގައި ޗެލްސީގައި ރަނގަޅު ކުޅުމެއްނުދެއްކުމުން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ވެސް ނުލިބުނެވެ. މިއީ ފަހަކަށްއައިސް ބޮޑު މުބާރާތަކަށް ސްޓާލިން ނުލައި އިނގިރޭސީން ނިކުތް ފުރަތަމަ ފަހަރެވެ.