ޚަބަރު

ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތަށް ގާނޫނަށް ގެނައި ޢިސްލާހު ތަސްދީޤުކުރައްވައިފި


  • މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހެއް

  • ކުރިން އޮންނަނީ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން

ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ އަހަރަކު ދެފަހަރު ކަމަށް ބަޔާންކޮށް ޤަނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނައި 7 ވަނަ އިޞްލާހެވެ. މި ބިލު ފާސްކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޤާނޫނު ކުރިން އޮތް ގޮތުން ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. ސަރުކާރުން ހުށަހަޅުއްވާފައިވަނީ މި މުއްދަތު 183 ދުވަހަށް އިތުރުކުރުމަށެވެ.

މި ބިލުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 9 ވަނަ މާއްދާ އިޞްލާޙުކޮށް، އެ މާއްދާގެ ދަށުން ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވިއްޖެކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާންކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ޤާނޫނުގެ 26 ވަނަ މާއްދާގެ ފަހަތަށް "26-1 ވަނަ މާއްދާގެ ގޮތުގައި" މާއްދާއެއް އިތުރުކޮށް، އެ މާއްދާގައި ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަން ބާއްވާނެ ގޮތުގެ އިޖުރާއަތުތައް މި ބިލުން ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން އެ މާއްދާގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ އަހަރަކު ދެފަހަރު ކަމަށާއި، މިގޮތަށް ބާއްވާ ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި 183 ދުވަހަށްވުރެ ދިގު މުއްދަތެއް، އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރު ވަނީ މި ޤާނޫނަށް ޢަމަލު ކުރަން ފަށާފައެވެ.