ޚަބަރު

ޢަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި


  • ޢަދާލަތު ޕާޓީގެ އިސްވެރިންނާ މެންބަރުނަށް ތަޙުނިޔާ ފޮނުއްވެވި

ޢަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ތަހުނިޔާ ފޮނުއްވެވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި އެޕާޓީގެ އިސްވެރިންނަށާއި މެންބަރުންނަށް ނައިބު ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ޢަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީސަފުގައި އަބަދުވެސް ޢަދާލަތު ޕާޓީން އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ވަނީ އަދާލަތު ޕާޓީއަށް ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓުގައި ޢަދާލަތު ޕާޓީ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ކުރެހުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ އަދި އަދާކުރާނެ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މައިދާނަށް އައި ހަލަބޮލިކަމާއި އޮއިވަރުތަކުގެ ތެރޭގައިވެސް ރާއްޖޭގައި މިހާރު ދެވަނައަށް އެންމެ ދޮށީ ސިޔާސީ ޕާޓީގެ ގޮތުގައި ދެމި އޮތުމަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް އަދާލަތު ޕާޓީ ފައްކާވެފައިވާކަމުގެ ހެއްކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ކުރިއެރުވުމަށާއި ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް ތަޖުރިބާ ހުރި ޕާޓީތައް ނުހަނު މުހިންމުކަން ފާހަގަކުރައްވާ އުންމީދަކީ ޢަދާލަތު ޕާޓީގެ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް ފަހަތަށް ނުޖެހި ދެމިއޮތުން ކަމަށެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ.