ޚަބަރު

އައިސް ޕްލާންޓްތައް ހަވާލުކުރެވެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނަން: ފެނަކަ


  • ފެނަކައިން 25 ރަށެއްގައި އައިސްޕްލާންޓް ހިންގަމުންދޭ

އައިސް ޕްލާންޓްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯ ހަވާލުކުރެވެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިހެން ވިދާޅުވީ އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލު ކުރުމުގެ މަރުހަލާގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ އައިސް ޕްލާންޓްތައް ދޫކޮށްލުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަން ނިންމިކަން އިއުލާން ކުރެއްވީ މި މަހުގައެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އައިސްޕްލާންޓްތައް ހިންގުމަކީ ކުންފުނީގެ ޚިދުމަތުގެ އަމާޒުން ބޭރު މަސައްކަތެއްކަމަށެވެ. އަދި ކުންފުނީގެ ހާލަތު އޮތްގޮތުން، އެޚިދުމަތް ދިނުމަކީ ކުންފުންޏަށް ވަރަށް ޚަރަދު ބޮޑު ކަމެއްކަމަށެވެ.

މުއާޒު ވިދާޅުވީ މިޚިދުމަތް ދިނުމުގައި ކުންފުންޏަށް މަހަކު 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ކުރިމަތިވާކަމަށެވެ. އަދި މިމައްސަލައިގައި މިފްކޯއާއި ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށް، އެ ކުންފުނިން ދެން އައިސްޕްލާންޓްތައް ނުހިންގަން ނިންމާފައިވާ ކަމަށެވެ.

ފެނަކައިން ދިޔައީ 25 ރަށެއްގައި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ރަނގަޅަށް ޚިދުމަތް ނުދޭ ޕްލާންޓްތައްވެސް ހިމެނެއެވެ. ނަމަވެސް ކުންފުނިން މުވައްޒަފުންގެ ޚަރަދާ އޮޕަރޭޝަނަލް ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރަމުންދެއެވެ.

ފެނަކައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެކުންފުނިން އަޅަމުން އަންނައިރު ފެނަކައިގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ.