ކުޅިވަރު

އަލް ނަސްރު ބަލިކޮށް، އަލް ހިލާލުން ސައުދީ ސުޕަ ކަޕް ކާމިޔާބުކޮށްފި


ފަހަތުންއަރައި 4-1 އިން އަލް ނަސްރު ބަލިކޮށް، އަލް ހިލާލުން ސައުދީ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިއީ އަލް ހިލާލުން ޖެހިޖެހިގެން ސައުދީ ސުޕަ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުން މިހާތަނަށް މި މުބާރާތް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އަލް ހިލާލް އެވެ.

ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާގިނަ ފުރުޞަތުތަކެއް ލިބިފައެއްނުވެއެވެ. މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ނިމެން މިނެޓަކަށްވެފައިވަނިކޮށް އަލް ނަސްރަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ދެވަނަ ހާފު ފެށިގެން އަލް ހިލާލުން ޑޮމިނޭޓްކުރިއިރު، 55 ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ އެއްވަރުކުރީ ސާބިއާގެ މިޑްފީލްޑަރު، ސަރްގެއި މިލިންކޮވިޗް-ސަވިޗް ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 63 އާއި 69 ވަނަ މިނެޓުގައި އަލެކްސެންޑާ މިޓްރޮވިޗް ކާމިޔާބުކޮށްދިން ދެލަނޑާއެކު އަލް ހިލާލުން މެޗުގެ ކޮންޓްރޯލް އަތުލިއެވެ.

އަދި އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި އަލް ހިލާލްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ބްރެޒިލްގެ ވިންގް، މެލްކޮމް އެވެ. މިއީ އަލް ނަސްރުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ދިން ޕާހެއް އެ ޓީމުގެ ކީޕަރު، ބެންޓޯ ކްރެޕްސްކީ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އޭނާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެލްކޮމް ކާމިޔާބުކުރި ގޯލެކެވެ.