ސްވިޒަލޭންޑްގެ ކުރީގެ ލެޖެންޑް، ޒެރްދާން ޝަގީރީގެ ކެރިއަރު ފެށި ކްލަބު ބާސެލް ދޫކޮށްލިތާ 12 އަހަރު ފަހުން އެ ކްލަބަށް އަލުން ބަދަލުވެއްޖެއެވެ.
"މަރުޙަބާ ޝަކް، އެނބުރި ކްލަބަށް އައުމުން." މިހެން ލިޔެފައިވާ ސުރުޚީއެއްގެ ދަށުން ބާސެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަގީރީ ވަނީ އެ ކްލަބާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ބާސެލް އިން ސޯޝަލް މީޑިއާގައި ވީޑިއޯއެއްވެސް ޕޯސްޓްކޮށްފައިވެއެވެ.
ކުރީން ބަޔާން މިއުނިކާއި، ލިވަޕޫލަށް ކުޅެފައިވާ މިހާރު އުމުރުން 32 އަހަރުގެ ޝަގީރީ ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢްލާންކޮށްފައެވެ.
"މިއަދު އަހަރެންގެ އުފަން ސަރަހައްދަށް ނިސްބަތްވާ، ކްލަބް އެފްސީ ބާސެލް އަށް އެނބުރި އައުމަކީ އަހަރެންނަށް ވަރަށް ފަޚުރުވެރިކަމާއި އުފާވެރިކަން ލިބޭ ކަމެއް،" ޝަގީރީ ބުންޏެވެ.
"ކުޑައިރުއްސުރެ އަހަރެންގެ ހިތުގައި މި ކްލަބާއި މި ސަރަހައްދާ މެދު ވަރަށް ގާތް ގުޅުމެއް އޮވޭ. ސަޕޯޓަރެއްގެ ހައިސިއްޔަތުންނާއި އަދި ހަމަ އެހެންމެ ކުޅުންތެރިއެއްގެ ހައިސިއްޔަތުންވެސް."
ބާސެލްގެ ޔޫތު ޓީމާ 8 އަހަރުގައި ގުޅުނު ފަހުން އެ ކްލަބުގައި ގިނަ ކުރިއެރުންތައް ހޯދައި، އޭނާ ވަނީ ތިން ސީޒަނުގައި އެކްލަބުގެ ސީނިއާ ޓީމަށް ކުޅެފައެވެ.
ޝަގީރީގެ ކްލަބު ކެރިއަރުގައި ސްވިޒަލޭންޑްގެ ލީގާއި ޖަރުމަނު ލީގު ޗެމްޕިއަންކަން، އެފްސީ ބަސެލް އާއި ބަޔާން އާއެކު ތިން ފަހަރު ކާމިޔާބުކުރިއިރު ލިވަޕޫލާއެކު ޕްރިމިއާ ލީގު އެއްފަހަރު ކާމިޔާބުކޮށްފައިވެއެވެ. 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅެމުންއައީ އެމެރިކާގެ މޭޖާލީގު ސޮކާގެ ޗިކާގޯ ފަޔާ އަށެވެ. އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކް ބާތިލުކުރީ ދެ ފަރާތުން އެއްބަސްވުމަކަށް އައިސްގެން މިދިޔަ ބުދަ ދުވަހު އެވެ.
މިދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި ޝަގީރީ ވަނީ ސްވިޒަލޭންޑްގެ ގައުމީ ޓީމަށް ކުޅެދިން 125 މެޗުގައި 32 ލަނޑުޖަހައިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޝަގީރީ ވަނީ ގައުމީ ޓީމާއެކު 2010 އިން ފެށިގެން ޔޫރޯ 2024 އާ ދެމެދު ބޮޑު ހަތް މުބާރާތެއްގައި ކުޅެފައެވެ. އޭނާ އަކީ މި ޝަރަފު ލިބިގެންވާ ހަމައެކަނި ސްވިޒަލޭންޑްގެ ކުޅުންތެރިޔާ އެވެ. އެގޮތުން، އޭނާ ވަނީ އެއިން ކޮންމެ މުބާރާތެއްގައި ފަސް ލަނޑުޖަހައިފައެވެ.
ގައުމީ ޓީމާއެކު އެންމެ ފަހުން ކުޅުނު މުބާރާތް ކަމަށްވާ، ނިމިދިޔަ ޔޫރޯގެ ކުއާޓާ ފައިނަލަށް ސްވިޒަލޭންޑް ދަތުރުކުރިއިރު، ޝަގީރީ ވަނީ ދެ މެޗުގައި ކުޅެފައެވެ.