ޚަބަރު

ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމަށް އީސީން ސަރވޭއެއް ކުރަނީ


  • މި ސަރވޭ ކުރިއަށް ގެންދާނީ އޮންލައިންކޮށް

ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވަމުންދާ ސަބަބު ދެނެގަތުމަށް މުޅި ރާއްޖެ ހިމެނޭހެން ސަރވޭއެއް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ސަރވޭ ކުރަން ނިންމާފައިވަނީ މިމަހު ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިންކަމަށެވެ. މިއީ މިއީ ވޯޓުލާ މީހުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

މި ސަރވޭ ކުރިއަށްގެންދާނީ އޮންލައިން ކޮށްކަން ފާހަގަކުރައްވައި މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓްލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"ކޮބައިތޯ ރައްޔިތުން ވޯޓްލާން ނިކުތުމަށް ފަސް ޖެހޭ ސަބަބުތަކަކީ. އެ ސުވާލަށް ޖަވާބު އަޅުގަނޑުމެން ހޯދަން މިއުޅެނީ ސީދާ ވޯޓްލާ މީހާ ކައިރިން. އޮންލައިންކޮށް މި ސަރވޭ ކުރިއަށްދާނީ. ހާއްސަކޮށް ބައި އިލެކްޝަންތަކުގައި ވޯޓްލާން ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވުމަކީ ނުބައި މިސްރާބަކަށް ދެވޭ ކަމަށް ބެލެވޭނެ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ސަބަބުތައް ދެނެގަތުމަށްފަހު ކަމާއިގުޅޭ އިދާރާތަކާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން، އެއަށްފަހު އެ އިދާރާތަކުން ޤާނޫނަށް ޤަވާއިދަށް ބަދަލު ގެނެސްގެން ކަންކަން ރަނގަޅު ކުރަން އަޅުގަނޑުމެން ބޭނުންވަނީ" ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މި ސަރވޭއަކީ އެންމެ ބޮޑު އިލްމީ ދިރާސާއަކަށް ނުވިނަމަވެސް ސާވޭގެ ނަތީޖާ ވެގެންދާނީ ރައްޔިތުންގެ ބަހަށް ކަމަށާއި އެ ނަތީޖާއިން ފާހަގަކުރެއްވޭ ކަންކަން ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި ނަތީޖާއަށް ބިނާކޮށް ފުރިހަމަ އިލްމީ ދިރާސާއެއް ކުރިއަށް ގެންދެވުމާމެދު ކޮމިޝަނުން ވިސްނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން ދޭހަވަނީ ރައްޔިތުން ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާކަން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ ވިދާޅުވެފައެވެ.

ފުއާދު ވިދާޅުވީ އެއް އިންތިޚާބަށްފަހު އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

ކޮންމެ އިންތިޚާބަކަށް ދައުލަތުން އެތައް ޚަރަދެއްކުރާއިރު ކޮންމެ ބައި-އިލެކްޝަނަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަނީ ވޯޓުލުމުގެ ޙައްޤު ލިބޭ ހުރިހާ މީހުންވެސް ވޯޓުލާން އަންނާނެކަމަށް އުންމީދު ކޮށްގެންނެވެ. ނަމަވެސް ވޯޓްލާން ނިކުންނަ މީހުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަނުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.