ޚަބަރު

މަގުބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް ދިން މުއްދަތު އިތުރުކޮށްފި


  • މުއްދަތު އިތުރުކޮށްފައިވަނީ 2025 ފެބްރުވަރީ 25އާ ހަމަައަށް

ރަށްރަށުގެ މަގުތަކަށް އަލިކުރުމަށް ބަހައްޓާފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިޞްލާޙު ކުރުމަށް ފެނަކައިން ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުވަރީ މަހުގެ 25ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

ފެނަކައިން ވިދާޅުވީ މަގުބައްތިތަށް މިންގަނޑާއެއްގޮތަށް ބަދަލުކުރަން ތިން ވަނަ ފަހަރަށް މުއްދަތު އިތުރުކުރީ، ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވުމާއެކު، ސަރުކާރުގެ އިދާރާތަކުގެ ލަފައާ އެއްގޮތަށް ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާއި ގުޅިގެން ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެގޮތަށް ޢަމަލު ނުކުރާ ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަމަށް އަންގާ، ފެނަކައިން މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ވަނީ ކައުންސިލްތަކަށް މުއްދަތު ދީފައިވެއެވެ.

ފެނަކައިން އެގޮތަށް ނިންމެވީ މަގު ބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ގެންނައުމަށް ބޮޑު ޚަރަދެއް ހިނގާތީ އެކަމަށް އެކަށީގެންވާ މުއްދަތެއް ކައުންސިލްތަކަށް ދިނުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ފެނަކަ ކޯޕަރޭޝަނާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މަގުބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް ކުރިން ދީފައި އޮތް މުއްދަތަކީ މިމަހުގެ 21ގެ ކުރިންނެވެ. ނަމަވެސް މަގުބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމަކީ ކައުންސިލްތަކަށް ދަތިވާނެކަމެއް ކަމަށާއި މަގުބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަދި މިކަމަކީ ކައުންސިލްތަކަށް ދީފައިވާ ބަޖެޓަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއްކަމަށާއި 144 ރަށުގެ މަގުބައްތި ރަނގަޅުކުރަން ގާތްގަނޑަކަށް 85 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ރ. އުނގޫފާރުގެ މަގުބައްތިތަކުން ކަރަންޓު ލީކުވެ ހިނގި ހާދިސާއެއްގައި އެރަށުގެ ޒުވާނަކުވަނީ ނިޔާވެފައެވެ. އެކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުންވަނީ އެ ކުންފުނިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިހުރި މަގުބައްތިތަކުގެ އިންސްޕެކްޝަނެއް ހަދާފައެވެ.