ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ވައިބާރުވެފައެވެ. ވައިބާރުވުމުގެ ސަބަބުން ގެތަކުގެ ފުރާޅު އެއްލާލުމާއި ގަސް ވެއްޓުން ފަދަ ހާދިސާތައްވެސް ދަނީ ދިމާވަމުންނެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. އެގޮތުން، އެކި ހިސާބުތަކަށް ގުގުރުމާއެކު ވާރޭވެހޭނެކަމަށާއި ވައިގަދަވާނެ ކަމަށް ލަފާކުރައްވައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވާގޮތުގައި އާންމުގޮތެއްގައި މި ދުވަސްވަރު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށްވެސް ވައިބާރުވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރައްވައެވެ.
މާލެ ސަރަހައްދަށްވެސް މި ދުވަސްވަރު ވައިބާރުވެފައިވާއިރު ދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަން ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން، ސިނަމާލެ ބްރިޖާއި
ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ދަތުރު ކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން އެބަހުއްޓެވެ.
- ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުން
- ފަސޭހައިން ހަލާކުވެ، ވަޔާ ދާފަދަ ކޯޓުތައް ބޭނުން ނުކުރުން
- ހެލްމެޓް އެއްލާނުލާނެހެން ރަނގަޅަށް އެޅުން
- ބޯކޮށް ވާރޭވެހޭއިރު ހެޑްލައިޓް ދިއްލައިގެން ދަތުރުކުރުން
މީގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދުން ދަތުރުކުރާ ފަރާތްތަކުންވެސް މިކަންކަމަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އުޅަނދުތައް ޕާކްކުރާއިރުވެސް ވައިބާރުވުމުގެ ސަބަބުން އުޅަނދުތަކަށް ގެއްލުންނުވާނެފަދަ ގޮތަކަށް ޕާކްކުރުމަށް ސަމާލުކަންދިނުމަކީ މުހިންމު ކަމެކެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވާގޮތުގައި ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ކުޑަވެ، ވައި މަޑުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެންނެވެ.
ވައިބާރުވުމުގެ އިތުރުން ކަނޑުގަދަ ވަގުތުތަކުގައިވެސް ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަންދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން، މި ދުވަސްވަރު އާންމުކޮށް ރާޅުގެ އުސްމިން 4 ފޫޓާއި 8 ފޫޓާ ދެމެދުގެ ހުންނާނެކަމަށާއި ކޮޅިގަނޑު ނަގާ ވަގުތުތަކުގައި ރާޅުގެ އުސްމިން 9 ފޫޓަށްވެސް އުފުލޭނެކަމަށް މޫސުމާ ބެހޭ އިދާރާއިންވަނީ ލަފާކުރައްވާފައެވެ. އެހެންކަމުން މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅޭ ހައިވޭ ސަރަހައްދަށް ރާޅު އެރުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެ ކުރިންވެސް މޫސުން ގޯސްވުމުގެ ސަބަބުން ރާޅު އަރައި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރި ފަރާތްތަކެއްގެ އުޅަނދުތަކަށާއި އެފަރާތްތަކަށްވެސް ގެއްލުންވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.