ޚަބަރު

އީއެފްއެލް ކަޕުގައި ފޮރެސްޓާއި ނިއުކާސަލްގެ ކުރިމަތިލުމެއް


އީއެފްއެލް ކަޕް ނުވަތަ ކަރަބާއޯ ކަޕުގެ ދެވަނަ ބުރުގައި، އެ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ނޮޓިންހަމް ފޮރެސްޓާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާން ޖެހިއްޖެއެވެ.

ފޮރެސްޓްގެ އަމިއްލަ ދަނޑުކަމަށްވާ، ސިޓީ ގްރައުންޑްގައި ކުޅޭ މި މެޗަކީ ޕްރިމިއާ ލީގުގެ ދެ ޓީމު ބައްދަލުކުރާ ދެ މެޗުގެ ތެރެއިން އެއް މެޗެވެ. އަނެއް މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑުން ނިކުންނާނީ ބޯންމައުތުއާ ދެކޮޅަށެވެ.

އިއްޔެ ނެގި ގުރުއަތުލުމުގައިވާ ގޮތުން، ހަތަރުވަނަ ޑިވިޝަނުގެ ހަތަރު ޓީމަކާ ދެކޮޅަށް ޕްރިމިއާ ލީގުގެ ޓީމުތައް ކުޅުމަށް ހަމަޖެހިފައިވާ ހަތަރު މެޗެއްވެސް އެބައޮތެވެ.

އެގޮތުން، މި ފަހަރުގެ ސީޒަނަށް އަލަށް ޕްރޮމޯޓުވި އިޕްސްވިޗް ޓައުން ރަށުން ބޭރުގައި އޭއެފްސީ ވިމްބަލްޑަންއާ ދެކޮޅަށް ނިކުންނައިރު، ކޮލްޗެސްޓާގެ ދަނޑުގައި ބްރެންޓްފޯޑާ ބައްދަލުކުރާ މެޗާއި، ޑޮންކަސްޓާ އިން އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޓްރެންމިއާ އާ ލެސްޓާ ސިޓީ ކުޅޭ މެޗު ހިމެނެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ވެސްޓް ބްރޮމްވިޗް އެލްބިއަން ބަލިކޮށް، ދެވަނަ ބުރުގައި ވާދަކުރާ ހަތަރުވަނަ ޑިވިޝަނުގެ ފްލީޓްވުޑް ޓައުން، އަމިއްލަ ދަނޑުގައި ނިކުންނާނީ ތިންވަނަ ޑިވިޝަނުގެ ރޮތަހަމް ޔުނައިޓެޑާ ދެކޮޅަށެވެ.

އިނގިރޭސި ކްލަބުތަކުގެ ތެރެއިން ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރާ ޕްރިމިއާ ލީގުގެ ހަތް ޓީމާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހިމެނޭ ގޮތަށް، އެ ޓީމުތައް މި މުބާރާތުގައި ބައިވެރިވާނީ ތިންވަނަ ބުރުންނެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އޯގަސްޓް 26 ވަނަ ދުވަހުން ފެށޭ ހަފްތާގައެވެ.