ޚަބަރު

ނަޝީދުގެ ފަރުވާގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމަނީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށައަޅަފައިވާތީ، އެކަމާމެދު މިހަފްތާގެ ތެރޭގައި ވަކިގޮތެއް ނިންމަވާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

ޢުމަރު ނަޞީރު ވިދާޅުވީ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށައަޅާފައިވާ ލިޔުންތައް ބައްލަވަމުންގެންދަވާކަމަށެވެ. ޢުމަރު ވިދާޅުވީ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަންވެސް ކޮށްދެވެން ނޯންނާނެކަމަށެވެ. މިއީ ނަޝީދުގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން ތިންވަނަ ފަހަރުއެވެ.

މިފަހަރުގެ މުއްދަތު އަންނަ އޮގަސްޓްމަހުގެ ތޭވީހާއި ހަމައަށް އިތުރުކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފައިވާކަން އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ހާމަކުރައްވާފައެވެ. އުމަރު ނަޞީރު ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިނގިރޭސިވިލާތުގެ ސިޔާސީ ޙިމާޔަތް ހޯއްދެވުމަކުން ސަރުކާރުން ކަންބޮޑުވެ ވަޑައިނުގަންނަވާކަމަށެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަދުވަހުއެވެ. ރައީސް ނަޝީދު 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލްކޯޓްގެ އިސް ގާޒީއަކަށް އޭރު ހުންނެވި ޢަބްދުﷲ މުޙައްމަދު އެކަހެރިކޮށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވުމާއި ގުޅިގެނެވެ.