20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ނޭޕާލަށް ފުރައިފިއެވެ.
މި މަހުގެ 18 އިން 28 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލްގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި އިންޑިއާއެވެ. މި މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބޫޓާނާއި އިންޑިއާއެވެ. މުބާރާތުގައި ޕާކިސްތާނުންވެސް ބައިވެރިވިއެވެ. ނަމަވެސް ފަހު ވަގުތު އެ ޓީމުން ވަނީ ނަން ނަގާފައެވެ.
މުބާރާތުގައި ވާދަކުރުމަށް ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ނޭޕާލަށް ފުރާފައިވަނީ ބުދަ ދުވަހުގެ ހަވީރެވެ. ނޭޕާލަށް ފުރުމުގެ ކުރިން "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ރާއްޖޭގެ ޓީމުގެ ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) ބުނީ މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެއް މަހަށް ވުރެ ގިނަ ދުވަހު ތަމްރީނު ކުރެވުނު ކަމަށާއި، މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު ވަރަށް ރަނގަޅަށް ތައްޔާރުވެވުނު ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާއިރު އަމާޒަކީ ފައިނަލުގައި ކުޅުން ކަމަށްވެސް ޝާކިއްޓެ ވަނީ ބުނެފައެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ފުރުމުގެ ކުރިން، އަންގާރަ ދުވަހުގެރޭ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވާފައެވެ.
މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒުވާން ޓީމުން ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، އެ ޓީމުން ވަނީ އެކުވެރިކަމުގެ ބައެއް މެޗުތައްވެސް ކުޅެފައެވެ.