ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމުން ޙުސައިން ޝަމީމް ވަކިކުރުމުގެ މައްސަލައިގައި އެމަނިކުފާނަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށް ޖުޑީޝަރީ ކޮމިޓީން ނިންމަވައިފިއެވެ.
އެ ކޮމިޓީން މިގޮތަށް ނިންމަވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ހުށަހެޅުއްވުން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ. މިމައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ. ކޮމިޓީން ނިންމާފައިވަނީ ޝަމީމް ޖަވާބުދާރީވުމަށް 5 ދުވަހުގެ މުހުލަތެއް ދިނުމަށެވެ.
މެންބަރު ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަންވާ ބޭފުޅަކީ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް މަސައްކަތް ކޮށްގެންވާނެ މީހެއްނޫން ކަމަށާއި، އެއްވެސް ނުފޫޒެއްގެ ދަށުގައިވާ މީހަކަށްވެސް ވެގެން ނުވާނެ ކަމަށެވެ. އަދި ޕީޖީގެ ބާރުތައް ބޭނުން ކުރަން ވާނީވެސް ވަކި ފަރާތަކަށް މަންފާއެއް ހޯދައިނުދީ، ޒާތީ ތައައްސަބުން އެއްކިބާވެ ހުރެ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް ކަމަށް މެންބަރު ވިދާޅުވިއެވެ.
ނަމަވެސް އެ މަޤާމުގައި ހުންނެވި ޙުސައިން ޝަމީމް އެ މިންގަނޑާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް މެންބަރު ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ތުހުމަތުކުރައްވާފައިވެއެވެ.
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.
- މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.
- ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.
- މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން.
- ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.
- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުން.
- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.
- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.
މި ތުހުމަތުތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ޙުސައިން ޝަމީމް ވަކިކުރެއްވުމަށް، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ޖުޑީޝަރީ ކޮމިޓީއަށް ހުށައެޅުއްވި މައްސަލާގައި ވިދާޅުވެފައިވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައޮމް ޝަމީމް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭނަގެ ދައުރު މިއަހަރުގެ ޑިސެމްބަރު މަހަށް ހަމަވާނެއެވެ.