ކުޅިވަރު

ފެނަބާޗޭ އަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުދެވުނީސް: މޮރީނިއޯ


ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ނުވަތަ ފައިނަލަށް ދިއުމުގެ އެއްވެސް ފުރުޞަތެއް ތުރުކީގެ ފެނަބާޗޭއަށް މިފަހަރު ނެތް ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގެ ތިންވަނަ ބުރުގައި ފްރާންސްގެ ލިއްލެ އަތުން ފެނަބާޗޭ ބަލިވި މެޗަށްފަހު ދެއްކި ވާހަކައިގައެވެ.

މި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗުން ލިއްލެގެ ދަނޑުގައި އެ ޓީމު މޮޅުވީ 1-2 އިންނެވެ. އަދި އިސްތަންބޫލްގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 1-0 އިން ފެނަބާޗޭ ކުރީގަ އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ނިމެންދަނިކޮށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ލިއްލެ އަށް އެއްވަރުކޮށްދީ، ޕްލޭއޮފް ބުރަށް ގެންގޮސްދިނީ ލިބުނު ޕެނަލްޓީއަކުން ކެނެޑާގެ ފޯވާޑް، ޖޮނަތަން ޑޭވިޑް ކާމިޔާބުކުރި ގޯލުންނެވެ.

މެޗަށްފަހު ދެއްކި ވާހަކައިގައި މޮރީނިއޯ ބުނީ، ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުޞަތު ނުލިބުމުން އެ ޓީމަށް މާލީގޮތުން ގެއްލުންތަކެއް ކުރިމަތިވެ، ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުޞަތުވެސް އެ ޓީމަށް ގެއްލިގެންދާނެ ކަމަށެވެ. އެކަމަކު، ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިވީނަމަވެސް އެ މުބާރާތް ކާމިޔާބުނުކުރެވޭނެ ކަމަށާއި، ފައިނަލަށް ވެސް ނުދެވޭނެ ކަމަށް މޮރީނިއޯ ވަނީ ފާހަގަކޮށްފައެވެ.

ފެނަބާޗޭ އާއެކު މޮރީނިއޯގެ މިހާރު އަމާޒަކީ ޔުރޮޕާ ލީގެވެ. އެހެންނަމަވެސް، އޭނާ ވަނީ އެންމެ ފަހުން 2023 ވަނަ އަހަރުގެ ޔުރޮޕާ ލީގުގެ ފައިނަލްގައި ރޯމާއާ ސެވިއްޔާ ބައްދަލުކުރި މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު އޮތް ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އެ ފަހަރުގެ ފައިނަލްގައި ޕެނަލްޓީ ޝޫޓްއައުޓްގައި ސެވިއްޔާ އިން ވަނީ ރޯމާ ބަލިކޮށްފައެވެ.

"އަހަރެމެންނަށް ޔޫރަޕާ ލީގަށް ދާނަން. އަދި ޔޫރަޕާ ލީގުގައި... އެކަމަކު... އަހަރެން ބާކީ އޮތްބައި ބުނަން ބޭނުމެއް ނޫން. އަހަރެން ބޭނުން 'އެކަމަކު' ތަކުގައި ހުއްޓާލަން. އެކަމަކު އަހަރެމެންނަށް ރަނގަޅު ޔޫރަޕާ ލީގެއް ކުޅެވިދާނެ."

"އެކަމަކު، އެކަމަކު، އެކަމަކު. އަހަރެމެންނަށް ރަނގަޅު ޔޫރަޕާ ލީގެއް ކުޅެވިދާނެ އެކަމަކުތަކާއެކު. އަހަރެންނަށް އެކަމަކުތަކަށްވުރެ އިތުރަށް ވާހަކަ ނުދެއްކޭނެ. އެހެންނޫނީ އަހަރެންނަށް އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ." އެ މުބާރާތުގައި މިހާތަނަށް ރެފްރީންގެ ނިންމުންތަކުގެ ސަބަބުން ކުރިމަތިލާންޖެހުނު ހިތްދަތިކަމަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ.

'އެކަމަކު' އިން އޭނާ މާނަކުރަން އުޅުނީ ކޮންއެއްޗެއްތޯ އެހުމުން، މޮރީނިއޯ ބުނީ، "އެކަންކަމާއި ބެހޭ ގޮތުން އިތުރަށް އެނގެން ބޭނުންވާނަމަ، 2022-2023 ގެ ޔޫރަޕާ ލީގު ފައިނަލްގައި ރޯމާ-ސެވިއްޔާ މެޗު ބަލާލުމަށް އަހަރެން ދަޢުވަތު އަރުވަން. އޭރުން އެކަމަކުތަކަކީ ކޮބައިކަން ވިސްނިގެންދާނެ."

މޮރީނިއޯ އިތުރަށް ބުނީ، ޔުރޮޕާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ބަދަލުވާންޖެހުނު ސަބަބެއް ނޭނގޭ ކަމަށެވެ. އެކަމަކު، އެކަމާ އެންމެންވެސް އެއްބަސްވާން ޖެހޭނެ ކަމަށާއި، އެކަމަށް ހުރިހާ ފަރާތްތަކުން ހޭނެން ޖެހޭނެ ކަމަށް ވެސް މޮރީނިއޯ ބުނެފައިވެއެވެ.

ނިންމާލަމުން މޮރީނިއޯ ވަނީ، ކުރިން ބުނިފަދައިން ޗެމްޕިއަންސް ލީގަކީ ކުލަބަށާއި ކުޅުންތެރިންނަށް ވަރަށް މުހިއްމު މުބާރާތެއް ކަމަށާއި، އެހެންވިޔަސް އޭނާގެ ޓީމަށް އޭގެއިން މާ ދުރަށް ދެވޭނެ ކަމަށް ގަބޫލުނުކުރެވޭއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ލީގަށް ކަމަށް ބުނެފައެވެ. އެކަމަށްޓަކައި އެންމެ ފުރިހަމަ އަށް މަސައްކަތްކުރާނެ ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.