ޚަބަރު

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި


  • ޝަމީމް ޕީޖީގެ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވޭ

  • މި މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކުރީ އިއްޔެ

ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީގެ މަޤާމުން ޙުސައިން ޝަމީމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިމައްސަލަ ކޮމިޓީއަށް ފޮނުވާފައިވަނީ ޖުޑީޝަރީ ކޮމިޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ކޮމިޓީން އެމައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

މެންބަރު ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަންވާ ބޭފުޅަކީ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް މަސައްކަތް ކޮށްގެންވާނެ މީހެއްނޫން ކަމަށާއި، އެއްވެސް ނުފޫޒެއްގެ ދަށުގައިވާ މީހަކަށްވެސް ވެގެން ނުވާނެ ކަމަށެވެ. އަދި ޕީޖީގެ ބާރުތައް ބޭނުން ކުރަން ވާނީވެސް ވަކި ފަރާތަކަށް މަންފާއެއް ހޯދައިނުދީ، ޒާތީ ތައައްސަބުން އެއްކިބާވެ ހުރެ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް ކަމަށް މެންބަރު ވިދާޅުވިއެވެ.

ނަމަވެސް ޕީޖީގެ މަޤާމުގައި ހުންނެވި ޙުސައިން ޝަމީމް އެ މިންގަނޑާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް މެންބަރު ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ތުހުމަތުކުރައްވާފައިވެއެވެ.

ޝަމީމަށް ކުރައްވާ ތުހުމަތުތައް:

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.
- މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.
- ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.
- މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން.
- ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.
- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުން.
- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.
- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

މި ތުހުމަތުތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ޙުސައިން ޝަމީމް ވަކިކުރެއްވުމަށް، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ޖުޑީޝަރީ ކޮމިޓީއަށް ހުށައެޅުއްވި މައްސަލާގައި ވިދާޅުވެފައިވެއެވެ. މި މައްސަލަ ދިރާސާކުރުމަށް ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމީ ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުންނެވެ.