ބިދޭސީންގެ ފީ ނުދައްކާ ފަރާތްތަކުގެ ލިސްޓު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އާންމުކުރުމުން މިހާތަނަށް 182 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއްޖެއެވެ.
ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް މުހުލަތެއްދީ އެ ފަރާތްތަކުގެ ލިސްޓު ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ނެރުނީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ.
ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ފަރާތެއްގެ ނަމާއި، އެފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިސްޓެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އާންމުުރައްވާފައެވެ. މީގެ ތެރޭގައި އެކި ސިނާޢައްތަކުގެ ވިޔަފާރިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.
އެވުޒާރާއިން އާންމުކުރެއްވި ލިސްޓުގައިވާގޮތުން ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ދައްކައެވެ. އެ ފައިސާ ދެއްކުމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން މުއްދަތު ދީފައިވަނީ މި މަހުގެ 12ވަނަ ދުވަހާ ހަމައަށެވެ.
މުއްދަތު ހަމަވިއިރު ޖުމްލަ 182،954،572 (ސަތޭކަ އައްޑިހަ ދެ މިލިއަން ނުވަ ލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދެ) ރުފިޔާ ރިކަވަރ ކުރެވިފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ހިސާބުތައް ދައްކާގޮތުން މިހާތަނަށް 453 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބެއެވެ.
އެކްސްޕެޓް ޚިދުމަތް ހޯދާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު ޢާއްމު ކުރި ތާރީޚުން ފެށިގެން މިއަދާ ހަމައަށް -/182،954،572ރ (އެއްސަތޭކަ އައްޑިހަ ދެމިލިއަން، ނުވަލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދެރުފިޔާ)… pic.twitter.com/18s4qQPRnU
— Ministry of Homeland Security & Technology, MV (@HomeMinistrymv) August 13, 2024
ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އާންމުކުރި ލިސްޓުން ދައްކާ ގޮތުގައި 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށްވުރެ ގިނައެވެ. ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.
ސަރުކާރުން ދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން ނަގައި ބިދޭސީމީހާ ދެނެގަތުމާއި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ސަރުކާރުން ވަނީ ފައްޓަވާފައެވެ.