ޚަބަރު

ވިއްސާރައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ލެވަލް ތިނަކަށް ބަދަލުކޮށްފި


  • މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި ފަސް ތަނަކުން ފެން ހިއްކުމާއި، ފެން ހިންދާ ޕަންޕު ފަސް ތަނެެއްގައި ޖެހުމަށް އެހީތެރިވުމާއި، ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެތަނަކަށް އެހީތެރިވެ ދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެފަރާތަކަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި ހުޅުމާލެ މުޙައްމަދު ގާސިމް ޕްރީ ސްކޫލަށް ފެންވަންނާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެެރެއިިން ހދ. ނެއްލައިދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ދިއްދޫ، ތުރާކުނު އަދި އުލިގަމު ބައެއް ގޭގެއަށް ފެންވަދެފައިވާތީ އާއި މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ އިތުރުން، އިހަވަންދޫގެ 40 ގެ އާއި ކެލާ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ނޯތު ޕޮލިސް ރީޖަނަށް ބަލާއިރު، ނ. މަނަދޫ އަދި ރ. ވާދޫ ގެއަކަށް ފެން ވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ބ. މާޅޮހުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވެއެވެ.

އޭގެ އިތުރުން ވެސް، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ދ. ހުޅުދެލި އަދި މ. މުލަކުގައި ފެންބޮޑުވެފައިވާތީ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިވެދީފައިވެއެވެެ. މީގެއިތުރުން ސައުތު ޕޮލިސްގައި ހިމެނޭ، އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ.